އަރަބިއްޔާ ސްކޫލަށް އަޒުހަރު ޔުނިވަރސިޓީން ހަމަޖެއްސި ޓީޗަރުންގެ ތެރެއިން ބައެއް ޓީޗަރުން މާލެ އައިސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުދަ ދުވަހު ކޮށްފައިވާ ޓުވިޓެއްގައި ބުނީ އަރަބިއްޔާ ސްކޫލަށް އަޒުހަރު ޔުނިވަރސިޓީން ހަމަޖެއްސި ޓީޗަރުންގެ ތެރެއިން 11 ޓީޗަރުން ބުރާސްފަތި ދުވަހު މާލެ އައިސްފައިވާ ކަމަށެވެ.
އަދި އިތުރު 4 ޓީޗަރުން ހުކުރު ދުވަހު މާލެ އަންނާނެ ކަމަށާއި އަންނަ ހަފްތާއިން ފެށިގެން އަރަބިއްޔާ ސްކޫލަށް ނުކުންނަން ފަށާނެ ކަމަށް އެ މިނިސްޓްރީގެ ޓްވީޓްގައި ބުނެފައި ވެއެވެ.
ސްކޫލުތަކުގެ ކިޔެވުން މިއަހަރު ފެށުނުއިރު ވެސް އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަ ނުވުމުގެ ސަބަބުން އެ ސްކޫލުގައި ކިޔަވައިދެމުން ގެންދިޔައީ ޕާޓްޓައިމް ޓީޗަރުން ގެނެސްގެންނެވެ. އަދި ބައެއް މާއްދާތައް އަރަބި ބަހުން ކިޔަވައިދޭނެ ޓީޗަރުން ނުލިބޭތީ އެ މާއްދާތައް ކިޔަވައިދިނުމަށް އެސްކޫލަށް ވަނީ ދަތި ތަކާއި ކުރިމަތި ލާންޖެހިފައެވެ
އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަނުކުރެވި 4 މަހެއްހާ ދުވަސް ވާން ކައިރި ވެފައިވާއިރު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް އަމާޒުވެފައެވެ.
މީގެ އިތުރުން އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހޯދުމަށްޓަކައި ވަޒީރުންގެ ވަފުދެއް މިއަހަރުގެ ކުރީކޮޅު މިސްރަށް ވަޑައިގެންފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.