މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އާއިޝަތު އަލީ ނާޒުގެ ކްލިނިކް، މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސައިކޮލޮޖިކަލް ސާރވިސަސް، ޓްރެއިނިންގ އެންޑް ރިސާރޗް (މިޕްސްޓާރ)ގެ ޚިދުމަތްދޭ ތަން ބަދަލުކޮށް މުޅިން އާ ޚިދުމަތްތަކާއެކު އަލުން ހުޅުވައިފިއެވެ.
މ.ފީރޯޒުގޭ 1 ވަނަ ފްލޯރގައި ބުދަ ދުވަހު ހުޅުވި މި ކްލިނިކުން އަލަށް ތައާރަފް ކުރެވުނު ޕްރޮގްރާމް ތަކުގެ ތެރޭގައި ނަފްސާނީ އެކިއެކި މައްސަލަތަކާއި ނުކުޅެދުންތެރިކަން ހުންނަ އުމުރުން 21 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން މަސައްކަތްތެރިކަން ދަސްކޮށްދޭ ކްލާސްތައް ހިންގުން ހިމެނޭއިރު، ކްލިނިކަލް ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަނާއި، ސައިކޮލޮޖިކަލް އެސެސްމަންޓު ހެދުމާއި، އޯޓިޒަމް އާއި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ކްލާސްތަކާއި ތެރަޕީ ސެޝަންތައް ހިންގުން ފަދަ ޚިދުމަތްތައް ވެސް މި ކްލިނިކުން ލިބޭނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
މިޕްސްޓާރ ކުރިން ހިންގަމުން ދިޔަ އިމާރާތް ބަދަލުވެ އަޅުން އެ ކްލިނިކް ހުޅުވާފައިވާއިރު، ކްލިނިކް ހުޅުވާދެއްވާފައި ވަނީ ނަފްސާނީ ރޮނގުން މަޝްހޫރު ޕްރޮފެސަރެއް ކަމަށްވާ ޕްރޮފެސަރ ޕްރަތިމާ މޫރްތީއެވެ. އޭގެ އިތުރުން ޑރ.ނާޒްއާއި މިޕްސްޓަރގެ މުވައްޒަފުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
މިޕްސްޓާރ ކްލިނިކް ރަސްމީ ގޮތުން ހުޅުވާފައިވަނީ 10 އޭޕްރީލް 2011 ގައެވެ. އޭގެ ފަހުން އެ ކްލިނިކުން ދޭ ޚިދުމަތްތައް ފުޅާވެ، މިއަދު ކްލިނިކްގެ ރަޖިސްޓްރީގައި ޖުމުލަ 5445 ކްލައިންޓުން ހިމެނޭއިރު، އޭގެ ތެރެއިން 86 އިންސައްތަ ކްލައިންޓުންނަށް ސައިކޮލޮޖިކަލް އެސެސްމަންޓު ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން 51 އިންސައްތަ މީހުން ތަފާތު އެކިއެކި ފަރުވާ ތެރަޕީތައް ނަގާފައިވާ ކަމަށް އެ ކްލިނިކުން ބުނެއެވެ.