ޒަމާނީ ފެންވަރަށް އިމާރާތް ކޮށްފައިވާ ޖާގައިގެ ގޮތުން 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ވިލިމާލޭގައި ޢިމާރާތް ކޮށްފައިވާ "މަސްޖިދުލް ބިއްރި" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް، ރަސްމީކޮށް ބުދަ ދުވަހު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މި މިސްކިތް ހުޅުއްވައިދެއްވީ ބުރާސްފަތި ދުވަހު މެންދުރުފަހު ވިލިމާލޭގައި އެކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު، މިސްކިތުގައި ކުރި ޢަޞްރު ނަމާދުގެ ޖަމާއަތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރުއާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް އަދި މާލެ މޭޔަރ ޝިފާ މުހައްމަދުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލިމާލޭ އާ މިސްކިތެއް ހުޅުވާފައިވާއިރު، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް މާލެ ސިޓީން ވަނީ އަންގާރަ ދުވަހު އިއުލާން ކޮށްފައެވެ. އިޔާދަކުރެނިވި ހަކަތަ ބޭނުން ކޮށްގެން މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއު ވަނީ ނިމިގެން ދިޔަ އަހަރުގެ ނޮވެމްބަރު މަހު ފަށާފައެވެ. އެކަމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ.