ރީތީ ތުނޑިއަކުން މަޝްހޫރުވެފައިވާ ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ އެ ރަށު ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން، ރައްޔިތުން އެދޭގޮތަށް ކަމުގެ ޔަޤީންކަން ފުވައްމުލަކުގެ ރައްޔިތުންނަށް ނައިބް ރައީސް ފައިސަލް ނަސީމް އަރުއްވައިފިއެވެ.
ނައިބް ރައީސް އެހެން ވިދާޅުވީ، އެމަނިކުފާނުގެ އުފަން ރަށް ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫޢު ބުދަ ދުވަހު އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބް ރައީސް ވިދާޅުވީ، އެމަނިކުފާނާއި ރައީސް ސޯލިހުގެ ވިސްނުންފުޅަކީ ވެސް، ތަރައްގީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދެވުން ކަމަށެވެ.
މަގުހެދުމުގެ މަޝްރޫޢަކީ ކުރިން ފެށިފައި އޮތް މަޝްރޫއެއް ނަމަވެސް މި މަޝްރޫއު އަލުން ފަށައިގަނެވޭއިރު މަގުތަކުގެ މަސައްކަތް ކުރިޔަށްގެންދާނީ، މަރާމާތު ކުރުމަށް ފަސޭހަ އަދި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ވެސް ރައްކާތެރި ގޮތަށް ރަނގަޅަށް ފަރުމާކުރެވި، ރައްޔިތުން ބޭނުންވާގޮތްތަކަށް ބައްލަވައިގެންކަމުގައި ވިދާޅުވިއެވެ.
ފުވައްމުލަކީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކެކޭ އެއްގޮތަށް މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ސިޓީއެއްކަން ފާހަގަކުރައްވައި، ނައިބް ރައީސް ވިދާޅުވީ މަގުމަތީގައި ތާރުއެޅި، ގާއެޅި ކަންކަން ފަހިވެގެންދާއިރު، މަގުތަކުގައި ދުއްވާ ފަރާތްތަކުން ޓްރެފިކް ޤަވާޢިދުތަކަށް ޚާއްޞަ ސަމާލުކަމެއްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވައިދެއްވުމަށް ނައިބް ރައީސް އިލްތިމާސް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލްގެ އިތުރުން ފުވައްމުލަކު ކައުންސިލްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.