ސިވިލް ސަރވިސް ކަމިޝަން (ސީއެސްސީ)ގެ މެމްބަރުން ބުދަ ދުވަހު މަޖިލީހަށް ހާޒިރުކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއިން ނިންމުމަށް ފަހު އެ ކޮމެޓީ ކެންސަލް ކޮށްފިއެވެ.
އެ ކޮމެޓީގެ އެޖެންޑާގައި ވަނީ ސީއެސްސީގެ މެމްބަރުން ބުދަ ދުވަހުގެ މެންދުރު 14:00 ގައި ކޮމެޓީއަށް ހާޒިރު ކުރުމަށެވެ. އެހެން ނަމަވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން ބުދަ ދުވަހު ނުބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.
ސީއެސްސީގެ މެމްބަރުން މަޖިލީހަށް ހާޒިރުކުރަން އުޅުނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތު ހަމަނުވާ މީހުން ނަގާ ކަމަށް ބުނެ ސުވާލުކުރުމަށެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އާރިފު މާޗް މަހުގެ 27 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ. އެ ސިޓީއަށް އެކޮމެޓީން އަންގާރަ ދުވަހު ބަހުސް ކުރުމަށް ފަހު ހާޒިރުވެވަޑައިގަތް ނުވަ މެމްބަރުން ނިންމެވީ ސީއެސްސީގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.
ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށް ކަން ސިވިލް ސަރވިސް ގާނޫނުގައި ބުނެފައިވާ ކަމަށް އެސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތުހަމަނުވާ ފަރާތްތައް ހަމަޖެއްސަމުންދާކަމުގެ ޚަބަރުތައް ބައެއް ނޫސްތަކުގައި ޝާއިއުކުރަމުންދާތީ އެކަންތައްތައް ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުންނާ ސުވާލުކޮށްގެން ސާފުކުރުމަށް ބޭނުންވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
ސީއެސްސީގައި ފަސް މެމްބަރުން ތިއްބަވައެވެ. އެ ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާ އާއި އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސެއިނެވެ.