މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް، ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުއްވައިދެއްވައިފިއެވެ.
ބުދަ ދުވަހު ސެންޓަރު ހުޅުވުމަށް ތިނަދޫގައި އޮތް ރަސްމިއްޔާތުގައި، ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރ ޝިދާތާ ވަނީ އެ ތަނާއި އެ ތަނުގައި ދެވޭ ފަރުވާތައް ބައްލަވައިލައްވައިފައެވެ. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ގާއިމުކޮށްފައިވާ ސެންޓަރުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާ ނިމިގެން މުޖުތަމައަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުން ހިމެނެއެވެ.
މިނިސްޓަރ ޝިދާތާ މި ސެންޓަރު ހުޅުއްވައިދެއްވީ ގދ. ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގައި ގދ. އަތޮޅު ކައުންސިލް، ގދ.ތިނަދޫ ރަށު ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމިޓީ، ޑޮކްޓަރ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ އަދި ކޮމިޔުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ) އަށް ޒިޔާރަތްކުރައްވައި، މަސައްކަތްތައް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ގާއިމުކުރުން ހިމެނިފައިވާ އިރު، އައްޑޫ ސިޓީ ހިތަދޫއާއި ހދ. ހަނިމާދޫގައި ގާއިމުކުރެވުނު ސެންޓަރުތަކާ އެކު މި ވައުދު ވަނީ ފުރިހަމަވެފައެވެ.