ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލަ ކުރިއަށް ނުގޮސް ހުއްޓިއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެއް މިލިއަން ޑޮލަރެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ އޭސީސީ އިން ބެލިބެލުމުގައި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް އެމަނިކުފާނަށް އެންގުމުން އެ ފައިސާ ދައުލަތާއި ހަވާލުނުކޮށް އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން ފައިސާ ދައުރުވާ ގޮތަށް މާލީ މަންފާއެއް ލިބޭ ގޮތަށް އެސްކްރޯ އެކައުންޓެއް އޭސީސީ ހިއްސާވާ ގޮތަށް ބޭނުން ކުރައްވާފައި ވެއެވެ.
އެކަމުގައި އޭސީސީގެ ރައީސް ހަސަން ލުތުފީގެ އެހީތެރިކަމެއް އޮތް ކަމުގެ ތުހުމަތުތައް ކުރެވޭއިރު އެ ކޮމިޝަނާ އެކު އެއްބަސްވެވަޑައިގެންނެވި ގޮތައް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ވަނީ ލިޔުމުން އޭސީސީ އަށް އަންގަވައިފައެވެ.
ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަހުން ފަޅާއެރުމުން އޭސީސީން ފުލުހުން ކިބައިން އެ މައްސަލަ ބަލައިދޭން ހުށައެޅި އެވެ.
ފުލުހުން ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރުން މުއާމަލާތްކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ހާމަވާ ކަމަށެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ޝަރީއަތް ފެށުމަށް ފަހު ޝަރީއަތަށް ނުފޫޒުފޯރުވާނެ ކަމަށް ބެލެވި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލާފައި ވަނީ މާޗްމަހުގެ 28 ގައެވެ. އޭގެ ފަހުން ޝަރީއަތުގެ އެއްވެސް މަރުހަލާއެއް ކުރިއަށް ގޮސްފައެއް ނުވެއެވެ. އޭގެ ފަހުން ގެއަށް ބަދަލުކޮށްފައި ވަނިކޮށް މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ ބާތިލު ވެސް ކޮށްފައެވެ. އަދި އެމަނިކުފާނުގެ އެކައުންޓްތައް ވެސް ވަނީ ދޫކޮށްލާފައެވެ.
ރައީސް ޔާމީންގެ އިތުރުން އާޒިމާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ލޯންޑަރކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގައި ދައުވާއާ ގުޅޭ ލިޔެކިޔުންތަކާއި މައްސަލައަށް ޖަވާބުދާރީ ވުމަށް ތައްޔާރުވާން ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ހަވާލު ކުރިއެވެ. އޭގެ ފަހުން އެ މައްސަލަ އޮތީ ހުއްޓިފައެވެ.
ރައީސް ޔާމީނާއި އާޒިމާގެ މައްސަލަތައް ނުބެލި ހުއްޓިފައި ވަނީ ކީއްވެތޯ ބެލުމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލާއި ޖުޑީޝަލް ސަރވިސް ކަމިޝަންގެ ތަރުޖަމާނު ފައިސަލް އާދަމް އަށް ގުޅާލުމުން ވަނީ މައުލޫމާތު ސާފުވާ ގޮތް ނުވެފައެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައި ވަނީ އެ ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އެއްބަސްވެވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.