ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 11:10
ރައީސް ޓްރަމްޕް ވީޓޯ ކުރެއްވި ގަރާރަށް މަޖިލީހުގެ ދެ ގެއިން ވެސް ތާއީދު ލިބުނު
ރައީސް ޓްރަމްޕް ވީޓޯ ކުރެއްވި ގަރާރަށް މަޖިލީހުގެ ދެ ގެއިން ވެސް ތާއީދު ލިބުނު
އީޕީއޭ
ޔަމަން ހަނގުރާމަ
ޔަމަން ހަނގުރާމައިގައި އެމެރިކާގެ ދައުރު ނިންމާލުމަށް ފާސްކުރި ބިލް ޓްރަމްޕް ވީޓޯ ކުރައްވައިފި
މެމްބަރުންގެ ނުރުހުން ބޮޑުވެފައިވަނީ ޚާޝުގްޖީގެ މަރުގެ މައްސަލަ އަށް ފަހު

ޔަމަނުގެ ހަނގުރާމައިގައި ސައުދީ-ޔޫއޭއީ ކޯލިޝަނަށް އެމެރިކާ އިން ދެމުންދިޔަ އެހީތެރިކަން ނިމުމަކަށް ގެނައުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ނިންމި ނިންމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވީޓޯ ކުރައްވައިފިއެވެ.

އެ ގަރާރު ރައީސް ޓްރަމްޕް ސިފަކުރެއްވީ އެ މަނިކުފާނުގެ ދުސްތޫރީ ބަރުތައް ކުޑަކުރެއްވުމަށް ފާސްކުރި "ބޭކާރު" އަދި "ނުރައްކާތެރި" ގަރާރެއްގެ ގޮތުގައެވެެ.

މިއީ ރައީސް ޓްރަމްޕަށް ލިބިވަޑައިގަންނަވާ ވީޓޯ ކުރުމުގެ ބާރު ބޭނުންކުރެއްވި ދެވަނަ ފަހަރެވެ.

ޔަމަނާ މެދު ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ މެދު ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުންގެ ނުރުހުން ބޮޑުވާން ފަށާފައި ވަނީ ސައުދީން ތުރުކީއަށް ދަތުރުކުރި އޭޖެންޓުންތަކެއް ވެގެން ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އިސްތަންބޫލް ކޮންސިއުލޭޓްގެ ތެރޭގައި މަރާލި ހާދިސާ އަށް ފަހުއެވެ.

ޔަމަނުގެ ހަނގުރާމައިގައި ސައުދީ-ޔޫއޭއީ ކޯލިޝަނަށް އެމެރިކާ އިން ދެމުންދިޔަ އެހީތެރިކަން ނިމުމަކަށް ގެނައުމަށް ގާނޫނުހަދާ މަޖިލީހުގެ މަތިގެއިން މާޗް މަހު ފާސްކޮށްފައިވާއިރު ގާނޫނުހަދާ މަޖިލީހުގެ ތިރިގެއިން އެ ގަރާރު ފާސްކޮށްފައި ވަނީ އޭޕްރީލް މަހުއެވެ.

މަޖިލީހުގެ ދެ ގެއިން ވެސް މި ގަރާރަށް ތާއީދުކޮށްފައިވާއިރު މިއީ ކޮންގްރެސްގެ ރުހުމަކާ ނުލައި އެމެރިކާގެ ސިފައިން ރައީސްގެ އަމުރަށް ހަނގުރާމައަށް ފޮނުވުން ކޮންޓްރޯލް ކުރުމަށް ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު 1973ގައި ހެދި ހަނގުރާމައިގެ ބާރުތަކުގެ ގާނޫނުގެ ދަށުން ރައީސްގެ ބާރުތައް ކުޑަކުރި ފުރަތަމަ ފަހަރެވެ.

ސައުދީ އާއި ޔޫއޭއީ އިން 2015 ވަނަ އަހަރު ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ވައިގެ ތެރޭގައި އޮވެ މަތިންދާ ބޯޓުތަކަށް ތެޔޮ އަޅައިދިނުމާއި، ހަމަލާގެ ކުރިން ސަރަހައްދު ބަލައިދިނުމާއި، އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދިނުމަކީ އެމެރިކާއިން ދީފައިވާ އެހީތެރިކަމެވެ. އެ ކޯލިޝަނުން 19،000 އަށް ވުރެ ގިނަ ފަހަރަށް ޔަމަނުގައި ވައިގެ ހަމަލާތައް ދީފައި ވެއެވެ.

 

- ކޮމެންޓް