ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީކަމުން, އަބްދުﷲ ޖާބިރު ވަކިކުރަން ނިންމާފައިވާކަން ރާއްޖެ.އެމްވީއަށް އެނގިއްޖެ އެވެ.
ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި ޖާބިރު މަގާމުން ވަކިކުރަން ނިންމާފައިވާކަން ރައީސް ސޯލިހުގެ ފަރާތްޕުޅުން އޭނާއަށް މިހާރު ވަނީ އަންގާފަ އެވެ. ނަމަވެސް ރަސްމީކޮށް، ޖާބިރު މަޤާމުން ވަކިކުރަނީ ކޮން ދުވަހަކު ކަމެއް އެނގިފައެއް ނުވެ އެވެ.
ޖާބިރު މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
19 ވަނަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގަތް އަބްދުﷲ ޖާބިރު ސްޕެޝަލް އެންވޯއީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ނިމިގެން ދިޔަ އަހަރު ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ސްޕެޝަލް އެންވޯއީކަމުން, އަބްދުﷲ ޖާބިރު ވަކިކުރާއިރު، ގާނޫނު އަސާސީގެ ބުނެފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އެ ބޭފުޅަކަށް އަދައެއް ނުކުރެވޭނެއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމާއެކު ޖާބިރުގެ މަޤާމު ގެއްލިގެންދާނެ އެވެ. 19 ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ހުވާކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި ޖާބިރު މަޤާމުން ވަކިކުރަން ނިންމާފައިވަނީ ހުވާ ކުރެއްވުމުގެ ކުރިންނެވެ.
ޖާބިރު ސްޕެޝަލް އެންވޯއީއެއްގެ މަގާމުގައި ހުންނެވި ނަމަވެސް، އެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައެއް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އަދި އެއީ ރަމްޒީ މަޤާމެކެވެ.
ޖާބިރު މަޤާމުން ވަކިކުރާއިރު، ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކާއި، ވަޒީރުންނަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވަމުންނެވެ. އަދި ޖާބިރު ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމާއެކު ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމަށްވެސް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފަ އެވެ.
ވިޔަފާރިވެރިޔާ ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްގެން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން އަމިއްލަ ގޮތުން ވާދަކޮށެވެ. 19 ވަނަ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނީ އެމްޑީޕިގެ ކޮން މެމްބަރެއްތޯ ބަހުސްކުރެވެމުންދާ ދަނޑިވަޅުގައި ޖާބިރުވެސް ވަނީ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.