ކ. މާލެ
|
13 އޭޕްރިލް 2019 | ހޮނިހިރު 10:37
ސޫދާންގެ މިލިޓަރީ ކައުންސިލުން އިސްތިއުފާ ދެއްވި އަވަދު އިބްނު އައުފް
ސޫދާންގެ މިލިޓަރީ ކައުންސިލުން އިސްތިއުފާ ދެއްވި އަވަދު އިބްނު އައުފް
އޭއެފްޕީ
ސޫދާންގެ މުޒާޙަރާ
ސޫދާންގެ މިލިޓަރީ ކައުންސިލްގެ ވެރިޔާ ވެސް އިސްތިއުފާ ދެއްވައިފި
މިލިޓަރީ ކައުންސިލްއަށް ދެން އައްޔަނު ކުރެއްވީ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހް ބުރްހާން

ތިރީސް އަހަރުގެ ދިގު މުއްދަތަކަށް ސޫދާންގެ ވެރިކަން ކުރެއްވި އުމަރް އަލް ބަޝީރު މަގާމުން ދުރުކުރެއްވުމަށް ފަހު، ގައުމު ހިންގުމާ ހަވާލުވެވަޑައިގެންނެވި އަވަދު އިބްނު އައުފް ވެސް އިސްތިއުފާދެއްވައިފިއެވެ.

ގައުމު ހަމަ މަގަށް އެޅެން ދެން ކަމަށް ބުނެ ދެ އަހަރު ދުވަހުގެ މުއްދަތަށް ގައުމުގެ ވެރިކަމާ ހަވާލުވެގަތް މިލިޓަރީ ކައުންސިލްގެ ވެރިޔާ ޖެނެރަލް އިބްނު އައުފް އިސްތިއުފާ ދެއްވީ، އެ ގައުމުގައި މުޒާހަރާ ކުރަމުން ދިޔަ މީހުން އާންމުން ހޮވާ ބަޔަކާ ގައުމުގެ ވެރިކަން ހަވާލުކުރަން ގޮވާލާ މުޒާހަރާތައް ކުރިޔަށް ގެންދިޔުމާ ގުޅިގެންނެވެ.

ގައުމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން އިބްނު އައުފް ވިދާޅުވީ އިސްތިއުފާދެއްވަން ނިންމެވީ ގައުމުގެ ލާބައާއި މަންފާއަށްޓަކައި، ގައުމުގެ ކުރިއެރުމަށް އިތުރު ހުރަސްތަކެއް ކުރިމަތި ނުކުރުމުގެ ނިޔަތުގައި ކަމަށެވެ. އޭނާ ވަނީ ހުރިހާ ފަރާތްތަކަކުން އެކުއެކީގައި މަސައްކަތް ކޮށްގެން މިހާރު ދިމާވެފައިވާ ކަންކަމަށް އަވަސް ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިބްނު އައުފް މަގާމުން ދުރުވުމަށް ފަހު މިލިޓަރީ ކައުންސިލް ހިންގުމާ ހަވާލުވެވަޑައިގެންނެވީ، ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހް ބުރްހާންއެވެ. ބުރްހާނަކީ ސޫދާންގައި ކުރިޔަށް ދިޔަ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކޮށް އެ މީހުން ބޭނުންވާ ކަންކަން އޮޅުން ފިލުވަން ކެރިވަޑައިގަތް އަސްކަރިއްޔާގެ މަދު ބޭފުޅުންގެ ތެރެއިން އެކަކެވެ. ސޫދާންގެ ރައްޔިތުން ވެސް ވަނީ މި ނިންމުން ބަލައިގަނެފައެވެ.

ސޫދާންގައި ވެރިކަން ކުރާތާ ތިރީސް އަހަރުވެފައިވާ ބަޝީރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށުނީ ޕާނާއި ކާންބޯން ބޭނުން ކުރާ ބައެއް އަސާސީ ތަކެތީގެ އަގުބޮޑުކުރަން ނިންމުމާ ގުޅިގެންނެވެ. ޑިސެމްބަރު މަހުގެ ތެރޭގައި އެ ގައުމުގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް އެއްމެ ފަހުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހުއްޓުމެއް ނެތި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގައި ރެއާއި ދުވާލު އިހުތިޖާޖު ކޮށްފައެވެ.

- ކޮމެންޓް