ސޫދާނުގައި އުފައްދާ އިންތިގާލީ ސަރުކާރުގައި އެ ޤައުމުގެ އާންމު ރައްޔިތުން ހިމެނުމަށް އެމެރިކާއިން ގޮވާލައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ރޮބަރޓް ޕަލަޑީނޯ ވިދާޅުވީ، އިންތިގާލީ އިދާރާތަކުން ދޫދޭން ޖެހޭ ކަމަށާއި، އިންތިގާލީ ސަރުކާރުގައި އާންމު ރައްޔިތުން ހިމަނަން ޖެހޭ ކަމަށެވެ.
ޕަލަޑީނޯ ވިދާޅުވީ ސޫދާނުގެ ރައްޔިތުން އެދޭ ގޮތް ވަރަށް ސާފު ކަމަށާއި، ސޫދާނުގައި ވެރިކަން ކުރަންވާނީ އާންމު ރައްޔިތުންގެ ތެރެއިން އެ ޤައުމުގެ ރައްޔިތުން ކަނޑައަޅާ މީހެއް ކަމަށެވެ. އަދި ދެ އަހަރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އާ ސަރުކާރެއް އުފެއްދެން ޖެހޭނެ ކަމަށް އެމެރިކާއިން ޤަބޫލު ކުރާ ކަމަށްވެސް ޕަލަޑީނޯ ވިދާޅުވިއެވެ.
1989 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތް ގޮތަށް ސޫދާނުގައި ހުދުމުޚުތާރު ވެރިކަމެއް ކުރައްވަމުން ގެންދެވި އުމަރު އަލް ބަޝީރު، ބުރާސްފަތި ދުވަހު އެ ޤައުމުގެ ވެރިކަމުން ދުރުކޮށް ހައްޔަރުކުރުމަށްފަހު، ސޫދާނުގެ އަސްކަރިއްޔާއިން ވަނީ ދެ އަހަރު ދުވަހަށް އިންތިގާލީ މުއްދަތެއް އިއުލާނުކޮށްފައެވެ.
އަދި އެ ޤައުމުގައި ތިން މަސް ދުވަހަށް ކުއްލި ހާލަތު އިއުލާން ކޮސްފައިވާއިރު، އެ ގައުމުގެ ކެބިނެޓާއި ނެޝަނަލް އެސެމްބްލީ އަދި މުނިސިޕަލް ވުޒާރާތައް ވަނީ އުވާލާފައެވެ. އަދި އެ ގައުމުގެ ޤާނޫނުއަސާސީ ވެސް ވަނީ ކުއްލި ހާލަތުގައި އުވާލާފައެވެ. ނަމަވެސް އެ ގައުމުގެ ޖުޑީޝަރީއާއި ޕަބްލިކް ޕްރޮސިކިއުޝަނާއި އެމްބަސީތަކާއި އެހެނިހެން ޑިޕްލޮމެޓިކް އެންޓިޓީތައް ކުރިޔަށް ދާނެ ކަމަށް ޑިފެންސް މިނިސްޓަރު އަވަދް މުހައްމަދު އަހްމަދު އިބްނު އައުފް ވަނީ ވިދާޅުވެފައެވެ.
އަދި ވެރިކަން ބަދަލުކުރުމުގެ ކަންކަން ވީހާ ވެސް ސުލްހަވެރިކަމާ އެކު ކުރިޔަށް ގެންދިޔުމުގެ ގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަށް ދިގުދެމިގެންދާނެ އަސްކަރީ ކައުންސިލެއް ވެސް ވަނީ އުފައްދާފައެވެ. އަދި މިފަހުން އެ ގައުމުގައި ކުރިޔަށް ދިޔަ މުޒާހަރާތަކުގައި ހައްޔަރުކުރެވުނު އެއްމެން ވެސް ދޫކޮށްލައްވާނެ ކަމަށް ވެސް އަވަދް މުހައްމަދު ވަނީ ވިދާޅުވެފައެވެ.
ހައްޔަރު ކުރެވުނު ރައީސް މިހާރު ހުންނެވީ ރައްކާތެރި ހިސާބެއްގައި "ގޭބަންދު" ކުރެވިފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ބަޝީރު ވެރިކަމުން ދުރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިންގެ ބައްދަލުވުމަކަށް ފަހުގައެވެ. ބަޝީރުގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރާއި ވެރިކަން ކުރާ ޕާޓީގެ ޗެއަރަމަން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
ސޫދާންގައި ވެރިކަން ކުރާތާ ތިރީސް އަހަރުވެފައިވާ ބަޝީރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށުނީ ޕާނާއި ކާންބޯން ބޭނުން ކުރާ ބައެއް އަސާސީ ތަކެތީގެ އަގުބޮޑުކުރަން ނިންމުމާއި ގުޅިގެންނެވެ. ޑިސެމްބަރު މަހުގެ ތެރޭގައި އެ ގައުމުގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް އެއްމެ ފަހުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހުއްޓުމެއް ނެތި ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމުގައި ރެއާއި ދުވާލު އިހުތިޖާޖު ކޮށްފައެވެ.