ރަސްމީި ދަތުރުފުޅެއްގައި ޖަރުމަނަށް ވަޑައިގެން އުޅުއްވާ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެ ގައުމުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސްއާ ބަރލިންގައި ބައްދަލު ކުރައްވައިފިއެވެ.
މާސްގެ ދައުވަތަކަށް ޖަރުމަނަށް ވަޑައިގެން އުޅުއްވާ މިނިސްޓަރ ޝާހިދު އޭނާއާ ބައްދަލުކުރެއްވީ މިހާރު ޖަރުމަނުގައި ކުރިޔަށްދާ ފަސްވަނަ ބަރލިން އެނާޖީ ޑައިލޮގްގެ ހަވާސާގައެވެ. ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި މާސްގެ ދައުވަތު ގަބޫލުކޮށް ޖަރުމަނަށް ވަޑައިގެންނެވި ކަމަށްޓަކައި އޭނާ ވަނީ ޝާހިދަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބަށް ފަހު ސަރުކާރުގެ ޒިންމާތައް އަމަން އަމާންކަމާއެކީ ބަދަލުކޮށް ޑިމޮކްރެޓިކް އުސޫލްތަކަށް އަލުން ގައުމު ރުޖޫއަ ކުރުމަށް ރައީސް ސޯލިިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މާސް ވަނީ ތައުރީފް ކުރައްވާފައެވެ.
މީގެ އިތުރުން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޝާހިދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީއަށް ވެސް ހާސް ވަނީ މަރުހަބާ ކިޔުއްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕުގެ އިއްތިހާދުން، ހާއްސަކޮށް ޖަރުމަނުން ދިވެހި ރައްޔިތުންނަށް ދެއްވާފައި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ވެރިކަން ބަދަލުވުމުގައި މިކަންކަން ބޮޑު ރޯލެއް އަދާކޮށްފައިވާ ކަމަށް ވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
ދެ ބޭފުޅުންގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ. މަޝްވަރާކުރެވުނު ކަންތަައްތަކުގެ ތެރޭގައި ދިވެހިންނަށް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ހޯދޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން ދާއިމީ އޮފީހެއް އެޅުން ހިމެނެއެވެ.
މިނިސްޓަރ ޝާހިދު މިހާރު ޖަރުމަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގައި އޮތް ބަރލިން އެނާޖީ ޑައިލޮގްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. ކޮންފަރެންސްގައި އޮތް "ޖިއޯޕޮލިޓިކްސް އިން ދި އޭޖް އޮފް ރިނިއުބަލް އެނަރޖީ" ޕެނަލް ޑިސްކަޝަންގައި ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ލަތީފާއި، ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު ޖިނާހުގެ އިތުރުން މިނިސްޓަރ ކައުންސިލަރ ޝިރުޒިމަތް ސަމީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.