އަންނަ މެއި މަހުގެ 5 ގެ ކުރިން ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅަން ޖެހޭނެ ކަމަށް އިލެކްޝަންސް ކަމިޝަން (އީސީއިން) ބުނެފިއެވެ.
މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުންގެ މާލީ ބަޔާން ވީހާ ވެސް އަވަހަށް އާންމު ކުރަންޖެހޭ ކަމަށެވެ. އަދި އިންތިޚާބު ބޭއްވިތާ އެއްމަސް ދުވަސް ފުރެނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ކަމުގައި ވިއަސް އެދުވަސް ދިމާވަނީ ކަލަންޑަރުގައި ވާގޮތުން ރަމަޟާން މަހުގެ 1 ވަނަ ދުވަހަށް ކަމަށް ވާތީ، މާލީ ބަޔާން ހުށައަޅަންޖެހޭ ފަހު ދުވަހަކީ މެއި 5 ކަމަށް އެ ކަމިޝަނުން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ކޮށްފައިވާ މަޢުލޫމާތާއި ތަކެތި ހިމެނޭ ގޮތުގެމަތިން ރިޕޯޓެއް ތައްޔާރު ކޮށް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކަމިޝަނަށް ހުށައަޅަން ޖެހެއެވެ. އެ ރިޕޯޓުގައި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލާއި އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް ހުށައަޅަން ޖެހެއެވެ. އަދި އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދި ގޮތުގެ ތަފްސީލާއި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްޞީލު ހިމަނަން ވާނެ ކަމަށެވެ. މީގެ އިތުރުން ކެންޑިޑޭޓުން ހުށައަޅާފައިވާ އިންތިޚާބުގެ ބޭންކް އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް އެ ރިޕޯޓުގައި ހިމަނަން ޖެހެއެވެ.
މިފަހަރުގެ އިންތިޚާބުގައި 386 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އިންތިޚާބު ފެށުމުގެ ކުރިން އީސީއަށް މާލީ ބަޔާން ހުށައެޅި ހަމައެކަނި ޕާޓީއަކީ އެމްޑީޕީންނެވެ. އެޕާޓީގެ 85 ކެންޑިޑޭޓުން ވަނީ މާލީ ބަޔާން ހުށައަޅާފައެވެ. އިންތިޚާބު ފެށުމުގެ ކުރިން ހުރިހާ ކެންޑިޑޭޓުންނެއް މާލީ ބަޔާން ހުށައަޅާފައެއް ނުވެއެވެ.