ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ފެނިގެންދާނީ ސަރުކާރު ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އާ މަޖިލީހާ އެކު ޖޭޕީ މަޖިލީހުގައި މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީގެ ގޮތުގައިތޯ ރާއްޖެ އެމްވީން ސުވާލުކުރުމުން ރިޔާޒް ވިދާޅުވީ ޖޭޕީ މިހާރު ވެސް މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަނީ ސަރުކާރާ އެކުގައި ކަމަށެވެ. އަދި އެ ޕޮޒިޝަން ބަދަލުވެފައިނުވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ނަވާރަ ވަނަ މަޖިލީހުގައި ތިމަރަފުށި ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ ރިޔާޒް ވިދާޅުވީ ޖޭޕީން މަޖިލީހުގައި މަސައްކަތް ކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެކުގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމުގައި ކަމަށެވެ.
ރިޔާޒް މިހެން ވިދާޅުވި ނަމަވެސް ނިމިގެންދިޔަ އިންތިހާބަށް ޖޭޕީ ނުކުތީ އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީއާ އެކުގައެވެ. ރިޔާސީ އިންތިހާބުގައި ސަރުކާރުގެ ކޯލީޝަންގެ ތެރޭގައި ހިމެނުނު ނަމަވެސް މަޖިލިސް އިންތިހާބުގައި އިދިކޮޅު ފަރާތްތަކާ ގުޅުނު ހިސާބުން 18 ވަނަ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ޖޭޕީން ވަނީ ސަރުކާރުގެ ބިލްތަކަށް ހުރަސް އަޅާފައެވެ.
އިނތިހާބުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވާ، އެމްޑީޕީގެ ލީޑަރ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ޖޭޕީން މަޖިލިސް އިންތިހާބަށް ނުކުތީ އިދިކޮޅު ފަރާތްތަކާ އެކުގައި ކަމަށައި އެހެންކަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖޭޕީ އޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީ އާއި ޖޭޕީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނުގެ އެމްއާރްއެމް، ކޯލިޝަނާ އެކުގައި ނިކުތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ފަސް ފަރާތުން ވެސް ވާދަކޮށްފައި ވަނީ ވަކި ވަކިންނެވެ. ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ބުނެފައި ވަނީ 19 ވަނަ މަޖިލީހުގައި މަސައްކަތް ކުރާނީ ސަރުކާރާ އެކުގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ޕާޓީއެއް އިދިކޮޅު ޕާޓީގެ ގޮތުގައި އިއުލާންކޮށްފައެއް ނުވެއެވެ.
އެޕްރީލް ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީ ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއެވެ.