މެދުތެރޭ އިންޑިއާގައި ދިން ބޮމުގެ ހަމަލާއެއްގައި ވެރިކަން ކުރާ ބީޖޭޕީގެ ޕޮލިޓީޝަނަކާއި އިތުރު ފަސް މީހަކު މަރާލައިފިއެވެ.
ޗައްތިސްގަރު ސްޓޭޓްގެ ލެޖިސްލޭޓިވް އެސެމްބްލީގައި ހަރަކާތްތެރިވާ ބީމާ މަންޑަވީ މަރާލާފައި ވަނީ އިލެކްޝަން ރެލީއެއް ނިންމާލުމަށް ފަހު އޭނާ ދަތުރުކުރަމުން ދިޔަ ގާފިލާއަށް ދިން ބޮމުގެ ހަމަލާއެއްގައެވެ. އެ މީހުންނަށް ހަމަލާދީފައި ވަނީ ވަކިވެގަންނަން މަސައްކަތް ކުރާ މާއޮއިސްޓުންގެ ބަޔަކު ކަމަށް އެ ސަރަހައްދުގެ ފުލުހުން ވަނީ ބުނެފައެވެ.
މި ހަމަލާގައި މަރުވި އަނެއް ފަސް މީހުންނަކީ ބީމާގެ ސެކިއުރިޓީ ޓީމްގެ މެމްބަރުން ކަމަށް އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޗަންދްރަމޯހަން ސިންގް ވަނީ ބުނެފައެވެ. ދަަތުރުކުރި ތިން ވެހިކަލުގެ ގާފިލާއަށް ބޮމުން ހަމަލާ ދިނުމަށް ފަހު، ބަޑިން ހަމަލާދީފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މި ހަމަލާއާ ގުޅިގެން ކުރި ޓްވީޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަރަށް ހަރުކަށި އިބާރާތުން ހަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެ މީހުންވީ ގުރުބާނީ ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
Strongly condemn the Maoist attack in Chhattisgarh. My tributes to the security personnel who were martyred. The sacrifices of these martyrs will not go in vain.
— Chowkidar Narendra Modi (@narendramodi) April 9, 2019
އިންޑިއާގައި ހަރަކާތްތެރިވާ މާއޮއިސްޓުުންނަކީ 1967 ވަނަ އަހަރުން ފެށިގެން މިނިވަން ދައުލަތަކަށް ގޮވާލާ އިންޑިއާއިން ވަކިވެގަންނަން މަސައްކަތް ކުރާ ޖަމާއަތެކެވެ. އެ ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން އިންޑިއާގެ ނުވަ ސްޓޭޓެއްގައި ހަރަކާތްތެރިވަމުންދާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.