ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 22:13
ކްރައިސްޗާޗްގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން
ކްރައިސްޗާޗްގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން
ސްކައި ނިއުސް
ކްރައިސްޗާޗް ޓެރަރިސްޓް ހަމަލާ
ބަޑި ގެންގުޅުމުގެ ގާނޫނު މުރާޖާ ކުރަން ނިއު ޒިލެންޑުގެ ޕާލިމަންޓުން ފާސްކޮށްފި
ގާނޫނު ބަދަލުކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެއްމެ މެމްބަރެއް
އެ ގައުމުގެ ގަވަނަރ ޖެނެރަލް ތަސްދީގުކުރުމުން ބިލް ގާނޫނަކަށް ވާނެ

ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ބަޑިން ހަމަލާދީ ފަންސާހަށް ވުރެ ގިނަ މުސްލިމުން މަރާލިތާ މަހެއް ވާން ކައިރިވެފައި ވަނިކޮށް، ބަޑި ގެންގުޅުމާއި ބެހޭ ގާނޫނު މުރާޖާ ކުރަން ބޮޑު އަގުލަބިއްޔަތަކުން ނިއު ޒިލެންޑުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮފިއެވެ.

ނިއު ޒިލެންޑުގެ ޕާލިމަންޓުން "ގަން ރިފޯމް" ބިލް ފާސްކުރުމާ އެއްކޮޅަށް 119 މެމްބަރަކު ވޯޓު ދީފައިވާ އިރު، ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ މެމްބަރެކެވެ. އެ ގައުމުގެ ބަޑި ގެންގުޅުމާ ބެހޭ ގާނޫނަށް އަހަރުތަކެއް ފަހުން ބަދަލުތަކެއް ގެންނަން ނިންމާފައިވާ އިރު، މި ބިލް ގާނޫނަކަށް ވުމަށް ދެން އޮތް މަރުހަލާއަކީ އެ ގައުމުގެ ގަވަނަރ ޖެނެރަލް ބިލް ތަސްދީގު ކޮށްދެއްވުމެވެ.

ބިލްގެ ވޯޓަށް ފަހު އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އަރޑާން ވިދާޅުވީ މިއީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ފަހުގެ ތާރީހެއްގައި ވެސް ކަމަކާ މެދު މިހާ ބޮޑު އަގުލަބިއްޔަތަކުން އެއްބަސްވެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި ބިލް ފާސްކޮށްފައި ވަނީ ގައުމު އިންތިހާއަށް އެއްބައިވަންތަވާން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ބިލްގައި ވަނީ ސެމީ އޮޓޮމެޓިކް ބަޑި ގެންގުޅުން މަނާ ކުރުމުގެ އިތުރުން، ބަޑި ސެމީ އޮޓޮމެޓިކް ކުރަން ބޭނުންކުރާ ސާމާނު ވެސް މަނާކުރަން ހުށައަޅާފައެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ބާވަތުގެ ހުރިހާ ބަޑިއެއް އަލުން ރައްދުކުރުމަށް ވެސް ބިލްގައި ވަނީ ހިމަނާފައެވެ.

މީގެ ކުރިން އަރޑާން ވަނީ މިލިޓަރީ ސްޓައިލްގެ ހުރިހާ ސެމީ-އޮޓޮމެޓިކް ބަޑިއާއި އެސޯލްޓް ރައިފްލް ވިއްކުން މަނާކޮށްފައެވެ. އެ ގައުމުގެ ބަޑި ގެންގުޅުމުގެ ގާނޫނު އިތުރަށް ހަރުކަށިކުރުން އެއީ ހަމަލާއަށް ފަހު އެކަމަނާ ވެވަޑައިގެންނެވި ވައުދެކެވެ.

އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ބްރެންޓަން ޓަރަންޓް ނަމަކަށް ކިޔާ މީހަކު ހަމަލާދިން ސަރަހައްދުން ހައްޔަރުކުރުމަށް ފަހު މިހާރު ވަނީ މީހުން މެރުމުގެ ފަންސާސް ދައުވާ އޭނާގެ މައްޗަށް އުފުލާފައެވެ. 

- ކޮމެންޓް