އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިމުގައި ހުރި ގެތައް އެއަރބީއެންބީގެ ލިސްޓުން ވަކިކުރުމަށް ކުރިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިމުގައި ހުރި ގެތައް އެއަރބީއެންބީގެ ލިސްޓުން ވަކިކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނުމާ އެކު އިސްރާއީލުގެ ވަކީލަކު ވަނީ އެ މައްސަލައިގައި ކޯޓަށް ގޮސްފައެވެ
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އެއަރ ބީއެންބީ އިން ބުނީ އެ ގޮތަށް އެކަން ކުރުމަށް ނިންމިކަން ނޮވެމްބަރު މަހު އިއުލާނުކޮށް ބުނެފައި ވަނީ އެތަނުގެ ގެތައް ލިސްޓް ނުކުރުމަށް ނިންމީ އެތަނުގައި ގެދޮރު އާބާދުކުރި މައްސަލައަކީ ޚިލާފު އުފެދިފައިވާ މައްސަލައަކަށް ވާތީ ކަމަށެވެ.
އަންގާރަ ދުވަހު އެ ކުންފުނިން ބުނެފައި ވަނީ ކޯޓަށް ދިޔަ ފަރާތާ އެކު އޮތް މައްސަލަ ހައްލުވެފައިވާ ކަމަށެވެ.
"ހުޅަނގު އައްސޭރީގެ ބިމުގައި ހުރި ގެތައް އެއަރބީއެންބީގެ ލިސްޓުން ވަކިކުރުމަށް ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތައް އެކަން ކުރިޔަކަށް ނުގެންދާނެ," ސެން ފްރެންސިސްކޯގައި ގާއިމްވެފައިވާ ކުރުންފުނިން އާއްމުކޮށްފައިވާ ޚަބަރެއްގައި ވެއެވެ.
ހުޅަނގު އައްސޭރީގެ ހުރިހާ ސަރަހައްދަކުން ވެސް އެއަރބީއެންބީގައި ލިސްޓު ކުރެވޭ ގޮތަށް ނިންމި ނަމަވެސް އެ ސަރަހައްދުގެ ގެތަކުން ލިބޭ އެއްޗަކުން ފައިދާ ނުނަގާނެ ކަމަށް އެ ކުުންފުނިން ވަނީ ބުނެފައެވެ.
ހުޅަނގު އައްސޭރީގައި އިސްރާއީލުން ގެދޮރު ބިނާކޮށްފައި ވަނީ ބައިނަލްއަޤްވާމީ ގާނޫނުތަކާ ޚިލާފަށް ނަމަވެސް އިސްރާއީލުން އެކަން ގަބޫލެއް ނުކުރެއެވެ.
ހުޅަނގު އައްސޭރީގެ ގެތައް ކުއްޔަށް ދިނުމަށް އެއަރބީއެންބީގައި ޖަހައިދޭތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ފަލަސްތީނުގެ އޮފިޝަލުން މީގެ ކުރިން ވަނީ ފާޑުކިޔާފައެވެ.