އަންގާރަ ދުވަހުގެރޭ ގ.ރެޑް ޕާރލް ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއުމުގެ އިންތިޒާމް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ( އެންޑީއެމްއޭ) ހަމަޖައްސައިދޭ ގޮތަށް ނިންމައިފިއެވެ.
އަންގާރަ ދުވަހުގެ މެންދަމު 03:45 ހާއިރު ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ގޭ ދެވަނަ ފަންގިފިލާ އަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްގައެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 04:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހާދިސާގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަތް ފަރާތަކަށް ދުމުގެ އަސަރުކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ރެޑް ޕާރލްގައި އަލިފާން ރޯވުމުގެ ސަބަބުން ތިން ފަންގިފިލާއެއްގައި ދިރި ނުއުޅެވޭ ވަރަށް ވަނީ އަނދާފައެވެ.
Latest updates of G. Red Pearl fire incident. pic.twitter.com/UQ5hF20knl
— NDMA Maldives (@ndmamv) April 10, 2019
އެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފަތިހުން ފެށިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
އެގޮތުން އެ ގޭގައި ދިރިއުޅެމުން ގެންދިޔަ 10 ފަރާތްތަކަށް އެންޑީއެމްއޭ އިން ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެއީ ފަސް އަންހެނަކާއި، ހަތަރު ފިރިހެނުންނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކުވެސް ހިމެނެއެވެ.
އެމީހުންގެ ތެރޭގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ހަތް ފަރާތެއް ވެސް ހިމެނޭ ކަމަށް އެމްޑީއެމްއޭ އިން ބުންޏެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.