Advertisement
ކ. މާލެ
|
24 ފެބްރުއަރީ 2017 | ހުކުރު 00:29
އެމްއެންޑީއެފުން ކުރިއަށް ގެންދާ "އޮޕަރޭޝަން ހިރާސް ފާސް"ގެ ތެރެއިން
އެމްއެންޑީއެފުން ކުރިއަށް ގެންދާ "އޮޕަރޭޝަން ހިރާސް ފާސް"ގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފްގެ އޮޕަރޭޝަން
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
އަލިފާނުގެ ހާދިސާއެއް ހިނގުމުން ގުޅާނެ އިމަޖެންސީ ނަމްބަރު ނޭނގޭ ދޯނިތައްވެސް ހުރި
ބައެއް އުޅަނދުފަހަރުގައި ހުރި އަލިފާން ނިވީގެ މުއްދަތު ހަމަވެފައިވޭ

ކަނޑު އުޅަނދު ފަހަރުގައި އަލިފާން ނިވި ބޭނުން ކުރަން ނޭނގޭ ފަރާތްތައްވެސް އުޅޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިހެން ބުނީ އެމުއްސަސާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ހިރާސް ފާސް"ގައި މިހާތަނަށް 80 ކަނޑުގެ އުޅަނދެއް ބަލާ ފާސްކުރުމަށްފަހު ހާމަކުރެއްވި ބަޔާނުގައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހު މާލޭ ނޯތު ހާބަރ ސަރަޙައްދުގައި ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެން ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާތަނަށް ބަލާފާސްކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މީހުން އުފުލާ ބައެއް އުޅަނދުތަކުގައި، ފެޓްރޯލާއި ޑީސަލް އަދި ކައްކާގޭސްފަދަ ތަކެތި އުފުލާކަން ފާހަގަކުރެވިފައިވާއިރު، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ގުޅާނެ އިމަޖެންސީ ނަންބަރު ނޭނގޭ ފަރާތްތައް އުޅަނދުތަކުގައި މަސައްކަތްކުރާކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި ޗެކްކުރެވުނު ހުރިހާ އުޅަނދުތަކެއްގައިވެސް އަލިފާންނިވި ބަހައްޓާފައި ހުރިކަން ފާހަގަކުރެވުނުއިރު، މީގެ ތެރެއިން ބައެއް އުޅަނދުފަހަރުގައި ބެހެއްޓިފައިހުރި އަލިފާން ނިވީގެ މުއްދަތު ހަމަވެފައިވުމާއި އަދި އަލިފާންނިވި ބޭނުންކުރަން ނޭނގޭ ފަރާތްތައް އުޅަނދުފަހަރުގައި މަސައްކަތް ކުރަމުންދާކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިހާތަނަށް ބެލި 80 އުޅަނދުގެ ތެރެއިން  35 އުޅަނދެއް އިންޝުއަރެންސް ކޮށްފައި ނުވާކަންވެސް ވެސް އެމްއެންޑީއެފުން ބުނެ އެވެ. 

މި އޮޕަރޭޝަންގައި ކަނޑު އުޅަނދުފަހަރުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި، އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ހާލަތު ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމުގެ އިތުރުން އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް މި އޮޕަރޭޝަންގައި ބަލަމުން ގެންދާގޮތަށް ވަނީ ހަމަޖެހިފައިކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް