ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 09:35
ބެންގކޮކްގައި މަރުގެ އަދަބާ ދެކޮޅު ހަދައި އެމްނެސްޓީގެ މެމްބަރުންތަކެއް މުޒާހަރާ ކުރަނީ
ބެންގކޮކްގައި މަރުގެ އަދަބާ ދެކޮޅު ހަދައި އެމްނެސްޓީގެ މެމްބަރުންތަކެއް މުޒާހަރާ ކުރަނީ
ރޮއިޓަރސް
މަރުގެ އަދަބުދިނުން
2009 ގެ ފަހުން މަރުގެ އަދަބު އެންމެ މަދުވީ މިދިޔަ އަހަރު:އެމްނެސްޓީ
މިދިޔަ 2018 ވަނަ އަހަރު 20 ގައުމެއްގައި މަރުގެ އަދަބު ދީފައިވޭ
2017 އަށްވުރެ 2018ގައި 31 އިންސައްތަ ދަށްވެފައިވޭ

ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި މަރުގެ އަދަބު ދީފައިވާ މިންވަރު އެންމެ ދަށްވެފައި ވަނީ މިދިޔަ އަހަރު ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފިއެވެ.

މިދިޔަ 2018 ވަނަ އަހަރު 20 ގައުމެއްގައި ޖުމްލަ 690 މީހަކަށް މަރުގެ އަދަބު ދީފައިވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 31 އިންސައްތަ މަދު އަދަދެކެވެ. 2017 ވަނަ އަހަރު 993 މީހަކަށް މަރުގެ އަދަބު ދީފައިވާއިރު 2009 ން ފެށިގެން މަރުގެ އަދަބު ދީފައިވާ މިންވަރު އެންމެ މަދީ 2018 ވަނަ އަހަރުއެވެ.

މިދިޔަ އަހަރު 54 ގައުމެއްގައި 2،531 މީހަަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު އެއީވެސް 2017 ވަނަ އަހަރާ އަޅާބަލާއިރު މަދު އަދަދެއް ކަމަށް އިނގިރޭސިވިލާތުގައި ގާއިމްވެފައިވާ އެމްނެސްޓީން ބުދަ ދުވަހު އާއްމު ކުރި ރިޕޯޓްގައި ވެއެވެ. 2017 ވަނަ އަހަރު 2،591 މީހަކަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާގައި މަރުގެ އަދަބު ދީފައިވާ މިންވަރު ހާހުން ގުނޭނެ ކަމަށް ބެލެވޭ ޗައިނާގައި އެ އަދަދުތައް ހުންނަނީ ދައުލަތުގެ ސިއްރެއްގެ ގޮތުގައި ކަމަށްވާއިރު އެންމެ ގިނަ ބަޔަކަށް މަރުގެ އަދަބު ދީފައިވާނެ ގައުމަކީ އެ ގައުމުކަމަށް އެމްނެސްޓީން ލަފާކުރެއެވެ. އޭގެ އިތުރުން ދެން އެންމެ ގިނައިން މަރުގެ އަދަބު ދީފައިވަނީ އިރާން،ސައުދީ އަރަބިއާ، ވިއެޓްނާމް، އަދި އިރާގުގައެވެ. މަރުގެ އަދަބު ދީފައިވާ މީހުންގެ 78 އިންސައްއްތަ އަކީ އެ ގައުމުތަކުގައި މަރުގެ އަދަބު ދެވުނު މީހުންނެވެ.

އެމްނެސްޓީން ބުނެފައިވަނީ މަރުގެ އަދަބު ތަންފީޒު ކޮށްފައިވާ މިންވަރު 2018 ވަނަ އަހަރު ދަށަށް ގޮސްފައިވުމަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ . ނަމަވެސް ދަށްވި ސީދާ ސަބަބެއް ބުނުން އަދި އެ ކަން އެ ގޮތުގައި ދެމެހެއްޓުމަކީ ވެދާނެ ކަމެއްތޯ އެއީ ސުވާލެއް ކަމަށް އެ ޖަމާއަތުން ބުނެއެވެ.

 

- ކޮމެންޓް