ވޯޓުގެ ފަރަގު ކުޑަވުމުންނާއި ބާތިލް ވޯޓު ގިނަވުމާއި ގުޅުގެން އަލުން ގުނަން ނިންމި މާވަށު ދާއިރާގެ ތިން ފޮށި ގުނާ ނިމުމުން ވެސް ނަތީޖާއަކަށް ބަދަލެއް ނާދޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މާވަށު ދާއިރާގެ ވޯޓު އަލުން ގުނާ ނިންމުމަށް ފަހު އިއުލާން ކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ފަސް ވޯޓުގެ ތަފާތުން އެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޔާމިން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައީދާ އެއްމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް ފަލާހަށް 848 ވޯޓު ލިބިފައިވާ އިރު، ސައީދަށް ލިބިވަޑައިގަތީ 853 ވޯޓެވެ.
އެ ދާއިރާއަށް އިތުރު ދެ ކެނޑިޑޭޓަކު ވާދަކުރައްވާފައިވާ އިރު، މިހާރު އެ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އަޒްހާން ފަހުމީއަށް ލިބިވަޑައިގެންނެވީ 651 ވޯޓެވެ. މިއީ މި އިންތިހާބުގައި އެއްމެ ފަރަގު ކުޑަ ދާއިރާއެވެ.
މީގެ އިތުރުން މި އިންތިހާބުގައި ބާތިލު ވޯޓު ގިނަވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ މާމިގިލި ދާއިރާގެ ބާތިލު ވޯޓުތައް ވެސް އަލުން ގުނާފައެވެ. އެގޮތުން ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާ 190 ވޯޓު ގުނާ ނިމުނު އިރު އެ ދާއިރާ ކާމިޔާބު ކުރެއްވި ގާސިމް އިބްރާހިމްއަށް އިތުރަށް 64 ލިބިވަޑައިގެންފައިވާ އިރު، ދެން އެއްމެ ގިނައިން ވޯޓު ހޯއްދެވި އެމްޑީޕީގެ ކެނޑިޑޭޓް އަލީ އަމީޒަށް އިތުރަށް 45 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. މި މައްސަލައާއި ގުޅިގެން ވޯޓު ފޮއްޓާ ހަވާލުވެ ތިއްބެވި އޮފިޝަލުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވީ އިންތިހާބާ ގުޅިގެން 21 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 15 ޝަކުވާއަކީ ރީރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތައް ކަމަށާއި ވޯޓުލާ މަރުކަޒުތަކުގައި އަމަލު ކުރި ގޮތާ ގުޅޭ ގޮތުން ހަތަރު ޝަކުވާއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ދެ ޝަކުވާއެއް އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.