ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގެ މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓުތައް އަލުން ގުނުމުން އެ ދާއިރާއަށް ޖުމްހޫރީ ޕާޓީން ވާދަ ކުރެއްވައި ކާމިޔާބު ކުރެއްވި ކެނޑިޑޭޓް ޤާސިމް އިބްރާހިމަށް ލިބުނު ވޯޓުގެ އަދަދު އިތުރުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް ގުނާފައިވާއިރު، އެ ކޮމިޝަނުން ކުރިން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ޤާސިމް އިބްރާހިމް އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 80 ވޯޓުގެ ތަފާތަކުންނެވެ. ނަމަވެސް ބާތިލް ވޯޓުގެ ގޮތުގައި 190 ވޯޓު އަލުން ގުނުމުން ގާސިމަށް އިތުރަށް 64 ވޯޓު ލިބިވަޑައިގެންފައިވާއިރު، ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެނޑިޑޭޓް އަލީ އަމީޒަށް ވަނީ އިތުރު 45 ވޯޓު ލިބިވަޑައިގެންފައެވެ.
ބާތިލު ވޯޓުތައް އަލުން ގުނާފައިވާއިރު، ޤާސިމަށް ލިބުނު ޖުމްލަ ވޯޓުގެ އަދަދު 1،145 އަށް އަރާފައިވާއިރު، އަމީޒަށް ލިބިވަޑައިގެންފައިވަނީ 1،046 ވޯޓެވެ. މި ނަތީޖާއާއެކު އެ ދެ ކެނޑިޑޭޓުންގެ ވޯޓުގެ ފަރަޤު 99 އަށް އަރާއިރު، އެ ދާއިރާ އަށް ދެން ވާދަކުރެއްވި އެމްއެލްއެސްޑީޕީގެ ކެންޑިޑޭޓް އަހުމަދު އިބްރާހިމްގެ ވޯޓުގެ އަދަދަށް މާބޮޑު ބަދަލެއް ނާދެއެވެ.
އެ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލް ވޯޓު އަލުން ގުނާފައިވަނީ މާމިގިލީ ދާއިރާގެ ކެންޑިޑޭޓެއްގެ މަންދޫބެއް ހުށައެޅި ޝަކުވާއަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން އިންތިޚާބުގައި ޖޭޕީއަށް ވަނީ ފަސް ގޮނޑި ކާމިޔާބު ކުރެވިފައެވެ. އެ ޕާޓީއިން ޖުމްލަ 41 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރިއެވެ.