އދ. މާމިގިލީ ދާއިރާގައި ބާތިލް ކަމަށް ކަނޑައެޅި 190 ވޯޓެއް އަލުން ގުނުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނީ މާމިގިލީ ދާއިރާގެ ކެންޑިޑޭޓެއްގެ މަންދޫބެއް ހުށައެޅި ޝަކުވާއަކާއި ގުޅިގެން އެ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލް ވޯޓު އަލުން ގުނަން ނިންމާފައިވާ ކަމަށެވެ.
މާމިގިލި ދާއިރާއަށް ކުރިމަތިލައްވާފައިވަނީ މަޖިލީހުގެ މިހާރުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓް އަލީ އަމީޒާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި އަހުމަދު އިބްރާހިމްއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެދާއިރާއިން ގާސިމަށް 1081 ވޯޓު ލިބިވަޑައިގެންފައިވާއިރު އަލީ އަމީޒަށް ލިބިފައިވަނީ 1001 ވޯޓެވެ. ގާސިމާއި އަމީޒާއި ދެމެދު އޮތީ 80 ވޯޓްގެ ތަފާތެކެވެ.
މާމިގިލީ ދާއިރާގައި ބާތިލް ކަމަށް ކަނޑައެޅި 190 ވޯޓު އަލުން ގުނަން ނިންމާފައިވާއިރު ބ. ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓު ފޮއްޓެއް ބާތިލް ކުރުމަށް އެމްޑީޕީއިން ވަނީ އީސީއަށް ހުށައަޅާފައެވެ.