އާދިއްތަ ދުވަހުގެރޭ އއ. މަތިވެރީގައި އަލިފާން ރޯވި ކާށިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުﷲ ޖާބިރުގެ "ކަސާ މިއާ މޯލްޑިވްސް'' ގެސްޓްހައުސް ތެރެއިން ތިންފުޅި ބަނގުރާ ފެނިއްޖެ އެވެ.
ފުލުހުންނަށް މި ތަކެތި ފެނިފައިވަނީ ޖާބިރުގެ ގެސްޓް ހައުސްގައި އާދިއްތަ ދުވަހު ރޯވި އަލިފާން ނިއްވަން އެ ގެސްޓް ހައުސް ހުސްކުރުމުގެ ތެރޭގައެވެ. މަރާމާތަށް ބަންދުކޮށްފައިވާ އެ ގެސްޓް ހައުސްގައި އަލިފާނުގެ ހާދިސާ ހިނގައި ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.
ފުލުހުން އެ ބަނގުރާ ފުޅިތައް ހޯދާފައިވަނީ ލިބުނު މައުލޫމާތާއި ގުޅިގެން އެތާ ހުރި ކޮޓަރިއެއް ފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން ބުނީ، އެ މައްސަލަ ތަހްގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ގެސްޓް ހައުސްގައި ރޯވި އަލިފާން ގަނޑު ފުލުހުން ނިއްވާލާފައި ވަނީ އާދިއްތަ ދުވހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެ ގެސްޓް ހައުސްގައި 35 ކޮޓަރި ހުރެއެވެ. އެއީ ކާށިދޫ ދާއިރާގެ މެމްބަރުކަމަށް އިންތިހާބުވި އަބްދުﷲ ޖާބިރުގެ ގެސްޓު ހައުސެކެވެ.