އެހެން ސަރަހައްދުތަކުން ހަނިމާދޫއަށް ފްލައިޓް ޖައްސާތަން ދައްކަދޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މާރޗް މަަހުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާތު ހިސާބު ހިއްސާ ކުރުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުން ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އުތުރު ގެ އަތޮޅުތައް ބާކީކޮށްފައި އޮތުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށާއި މި ސަރުކާރުން ކުރިޔަށް އޮތް ތަނުގައި އެހެން މަންޒިލް ތަކުން ހަނިމާދޫއަށް ޑައިރެކްޓް ފްލައިޓްޖައްސާތަން ދައްކުވައި އެކަންތައް ކުރެއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
" އަޅުގަނޑަށް މިއަދު ދަންނަވާލަން ކެރިދާނެ ވަކިން ހާއްސަކޮށް ރާއްޖޭގެ އުތުރުގެ ރައްޔިތުން ވަރަށް ކަންބޮޑުވާކަމެއް އެމީހުން މީގެ ކުރިން " ނެގްލެކްޓް " ވެފައި އޮތުން ، އަޅުގަނޑުމެންގެ މި ސަރުކާރުން އިރާދުކުރެއްވިއްޔާ ޑައިރެކްޓްކޮށް ، މިހާރު މޯލްޑިވިއަން އެދަނީ އިންޑިއާއަށް އެކަނި . އެހެން ސަރަހައްދުތަކުން ހަނިމާދޫ އެއާޕޯޓަށް ޖައްސާތަން ދައްކަދޭނަން . އެކަން ކުރާނަން ، ކުރެވޭނެ " މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުމާއެކު އެއާޕޯޓް ތަރައްގީ ނުވުން ކަމަށެވެ. ޓުއަރިޒަމް މިނިސްޓްރީގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި ރާއްޖެއަށް އަންނަ ފަތުރުވެެރިން އިތުރުކުރުންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަ ތަރައްގީ ކުރިޔަށް އޮތް3 އަހަރެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފުލުހުންނާއި ގުޅިގެން މިނިސްޓްރީން ގެސްޓްހައުސްތައް ބަލައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭތޯ ބަލަމުން އަންނަ ކަމަށާއި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހަށް ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްއެއް އިންސްޕެކްޓް ކޮށްނިމޭނެ ކަމަށެވެ. ފަތުރުވެރިންނަށް އަމާން ރައްކާތެރި މާހައުލެއް ހޯދުމަކީ މިނިސްޓްރީން އެންމެ ބޮޑު އެއް އަމާޒުކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ ލައިސަންސް ނުނަގައި ގެސްޓްހައުސް ހިންގާފަރާތްތަކަށް ގާނޫނާ ހިލާފުކަންތައް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.