ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް ( ޓީއެފްޖީ) އާ ގުޅިގެން މިމަހު 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ''ވާއު ކިޑްސް ރަން 2019'' ގެ ފަންޑް ރައިޒިން ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހުޅުމާލޭގައި ބާއްވާ މި ދުވުމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންގާރަ ދުވަހު ވަނީ ހުޅުވާލާފައެވެ.
އެގޮތުން ދުވުމުގައި ބައިވެރިވެވޭނީ، ހަތަރު އަހަރާއި 13 އަހާރާއި ދެމެދުގެ ކުދިންނަށެވެ. ބީއެމްއެލް އިން ބުނީ، މި ފަހަރުގެ ދުވުމުގައި 1000 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ.
އަދި މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ކުދިންނަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން ( އާކް) އާ ބީއެމްއެލް ގުޅިގެން ހަނގާ ކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރި ކުރުމަށް ގައުމީ ފެންވަރުގައި ހިންގަން ފަށާ '' ބީޓް ބުލިންގ'' ޕްރޮގްރާމަށް ފަންޑު ރައިޒް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް އިން ގާއިމް ކޮށްފައިވާ ވެބް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީ ކުރާ ކުއްޖާއާއި ބެލެނިވެރިޔާގެ މައުލޫމާތު ސައިންއަޕް ޕޭޖް މެދުވެރިކޮށް ބީއެމްއެލް އަށް ފޮނުވާލުމުން ކޮންމެ ކުއްޖަކަށް ވެސް ހާއްސަ ޕްރޮފައިލްއެއް ތައްޔާރު ކުރެވޭނެއެވެ.
ޕްރޮފައިލް އެކްޓިވް ކުރުމަށް ފަހު އެސް.އެމް.އެސް މެދުވެރިކޮށް މައުލޫމާތު ބެލެނިވެރިންނަށް ހިއްސާކުރުމަށް ޕޮރޮފައިލް ބޭނުންކޮށްގެން ފައިންޑް ރައިޒިންގ ކުރެވޭނެއެވެ. ބީއެމްއެލް އިން ބުނީ ކޮންމެ ކުއްޖަކަށް ފަންޑް ރައިޒިންގ ކުރެވޭނީ އެންމެ މަތީ އަދަދަކީ 2000 ރުފިޔާ ކަމަށެވެ. ފަންޑްރެއިޒިން ކޮށްގެން ލިބޭ ފައިސާ ހަދިޔާ ކުރަން ހަމަޖެހިފައިވާނީ އާރްކް އިން ހިންގާ ތަފާތު ހަރަކާތްތަކަށެވެ.
ފަންޑް ރައިޒިންގ އާއި ބޭހެ ގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން އާކްގެ އޮފިޝަލް ވިދާޅުވީ، މި ފަންޑް ރައިޒިންގައި ހަނގާ ކުރުމާއި ދެކޮޅަށް ބެލެނިވެރިންނާއި ޓީޗަރުން ހޭލުންތެރިކުރުމުގެ ގޮތުން ސެޝަންތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ބުލީ ކުރުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަގްސަދުގައި 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި އާކް އަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ.
''ވައު ކިޑްސް ރަން'' އަކީ ކޮންމެ އަހަރަކު ވެސް ވަރަށް ހިތްގައިމު އުފާވެރި މާހައުލެއްގައި ކުދިންނާއި ބެލެނިވެރިން ބައިވެރިވެގެން ބާއްވާ ވަރަށް ހާއްސަ ހަރަކާތެކެވެ.
އެ ދުވުމުގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަން ބުނެދީ ކުދިންނާއި ބެލެނިވެރިން އެކަމަށް އަހަލުވެރިކުރުމެވެ.
މިއީ ބީއެމްއެލް އިން ކިޑްސް ރަން ބާއްވާ ހަތަރުވަނަ އަހަރެވެ. ބީއެމްއެލް އިން ދަނީ އިޖްތިމާއީ ޒިންމާގެ ދަށުން މި ފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މި ދިޔަ ފެބްރުއަރީ މަހު ''ބީއެމްއެލް ސްޓާފް ޗެރިޓީ' ރަން ' ބާއްވައި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަށް ބީއެމްއެލް އިން ވަނީ 80،000 ރުފިޔާ ހަދިޔާ ކޮށްފައެވެ.