ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށައަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ހޯމަދުވަހު ކަމަށެވެ.
ޒިޔާދާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލީ ހަތަރު ދައުވާއެކެވެ. އެއީ ފިރިމީހާ, އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
މީގެ ތިން އަހަރު ކުރިން 2015ގެ ޑިސެމްބަރ 28 ގައި ޒިޔާދާ މަރުވި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޒިޔާދާގެ އޮޓޯޕްސީ ރިޕޯޓުން ވެސް އޭނާއަށް ޖިސްމާނީ މައްސަލަތައް ކޮށްފައިވާކަން ފާހަގަވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
އެހެން ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝާހުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ. އެހުކުމާއެކު ގިނަ ފާޑުކިޔުންތަކެއް ޝާހު އަށް އަމާޒުވިއެވެ.