ޖުޑިޝަރީ އިސްލާހު ކުރަން ރާއްޖޭއިން ބޭރުގެ ފަނޑިޔާރުން ނުގެންނަވާނެ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އިސްލާމީ ދައުލަތެއްގައި އެއް ގާޒީ އަނެއް ގާޒީ ތަފާތެއް ނުކުރެވޭނެ ކަމަށާއި މުސްލިމް ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް ބޭރުގެ ފަނޑިޔާރަކު ޖުޑިޝަރީ އިސްލާހުކުރަން ނުގެންނަވާނެ ކަމަށާއި ރާއްޖޭގައި އެކަށީގެންވާ ފަނޑިޔާރުން އެބަތިއްބެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކަމެއް ގޯސްކޮށް ހިނގަނީ މީހަކާ ހެދި ކަމަށް ޤަބޫލުކުރަން ދަތި ކަމަށް ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ގޯސް މީހާ ހުންނަ އިރުވެސް ކަންކަން އެގޮތަށް ނުކުރެވޭ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ. އަދި ވަކި ބަޔަކު މާޤާމަށް އައްޔަންކޮށްފައި، ވަކި ބަޔަކު މަޤާމުން ދުރުކުރުމަށް މަސައްކަތް ނުކުރައްވާ ކަމަށާއި އިސްލާހު ގެންނަން ޖެހޭނީ ޝަރުއީ ނިޒާމާއި އެއްގޮތަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ފަނޑިޔާރުގެ އަކީ ޤާނޫނު ހަދާ މަޖިލީހެއް ނޫން ކަމަށާއި ތިން މަރުހަލާގައި ވެސް އިސްތިއުނާފު ލިބެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަން މުއައްސަސާ ވަކިކޮށް، ބާރ އެސޯސިއޭޝަންގެ މައްސަލަ ހައްލުކޮށް، އެ އެސޯސިއޭޝަނަށް ޤާނޫނީ ހައިސިއްޔަތު ދިނުން މުހިންމު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ފަނޑިޔާރުންގެ ތައުލީމީ ފެންވަރު ބަލަން ޖެހޭނެ ކަމަށާއި ކަންކަން އިސްލާހު ކުރުން އޮތީ އެމްޑީޕީގެ އަތްމަތީގައި ކަމަށެވެ. އަދި އެކަންކަން އިސްލާހު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.