އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕް ލީޑް ކުރެއްވުމުގެ ވިސްނުންފުޅު އެބަހުރި ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް މިހާރު ހުންނެވީ މުހައްމަދު އަސްލަމް ކަމަށާއި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަނޑައަޅަނީ އެމްޑީޕީގެ މެމްބަރުންގެ ނިންމުމުން ކަމަށެވެ. އަދި ޕާލިމަންޓްރީ ގްރޫޕް ލީޑުކުރުމުގެ ވިސްނުންފުޅު އެބަހުރި ކަމަށާއި އެމްޑީޕީގެ މެމްބަރުންނާއި މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ އުނދަގޫކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވަމުން ނަޝީދު ވަނީ އެއްވެސް މެމްބަރެއް ބާކީވެގެން ނުދާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ.
މެމްބަރުން މަޖިލީހަށް އިންތިހާބުވުމަށް ފަހު އެމީހެއްގެ ދާއިރާއެއްގެ ވާހަކަތައް އެކަނި ދެއްކުން އެއީ އޮންނަ އުސޫލެއް ނޫން ކަމަށާއި އެ މެމްބަރުން ދައްކަންޖެހޭނީ މުޅި ރާއްޖޭގެ ތަރައްޤީ ކުރުމުގެ ވަހާކަ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޕާޓީ ބަދަލު ނުކުރުން އެއީ ވަރަށް ބާރުއަޅަމުން ދިޔަ ކަމެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރައްޔިތުން މެމްބަރެއް ވަކި ޓިކެޓެއްގައި މަޖިލީހަށް އިންތިހާބުކޮށްފައި ވާނީ ސަބަބެއް އޮތުމުން ކަމަށެވެ. ރައްޔިތުންގެ ފިކުރަށް ގޮންޖަހާ އެ މެމްބަރެއް ސިޔާސީ ފިކުރު ބަދަލުކުރުމަކީ އިންސާފުވެރި ހަމައެއްގެ ގޮތުގައި އެކަކު ވެސް ނުދެކޭނެ ކަމަށާއި އެކަމަކީ އިސްލާހު ގެންނަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެޖެންޑާ 19 މެދުވެރިކޮށް އެންޓި ޑިފެކްޝަން ގާނޫނު ވުޖޫދަށް ގެންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހުން 2018 ވަނަ އަހަރުގެ މާރޗް 13 ވަނަ ދުވަހު ފާސްކޮށްފައިވާއިރު އެ ޤާނޫނު ބާތިލް ކޮށްފައިވަނީ ހަމަ އެއަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.