މަގުމަތިން ހުއްޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ހުރި 727 ރަބަރު ޕެކެޓް ފެނިއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ މަގުމަތިން ހިނގާފައި ދަނިކޮށް ހުއްޓުވި މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާ އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އުމުރުން 40 އަހަރުގެ މި މީހާ ހައްޔަރު ކޮށްފައިވަނީ ހޯމަ ދުވަހުގެ ހަވީރު 05:54 ގައި ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ވަގުތު މި މީހާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި 727 ރަބަރު ޕެކެޓު އެ މީހާގެ އަތުން ފެނުމުން ކަމަށެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މިމަހުގެ 1 ވަނަ ދުވަހު އއ. މަތިވެރި ގެސްޓުހައުސްއަކުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުސްކޮށްފައި ހުރި ގިނަ އަދަދެއްގެ ފުޅި ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުސްވި މާޗް މަހުގެ 29 ވަނަ ދުވަހު ވެސް ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެ ތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ 38 އަހަރުގެ ދިވެހި ފިރިހެނަކު ގަމުން ހައްޔަރުކޮށްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.