ދިވެހިރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށާއި ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތާއީދުކުރަމުން އައިސްފައި ވާނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ. އަދި ރާއްޖޭގައި ރައީސްއަކާއި ބޮޑު ވަޒީރަކު ހުރުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ މީހެއް. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި މާ ރަނގަޅަށް ހިނގާނެ ބަރުލަމާނީ ނިޒާމް. ރައީސުލްޖުމްހޫރިއްޔާ ހުންނަވާފައި އަދި ބޮޑުވަޒީރަކު ހުންނެވުން ވަރަށް ބޭނުންވޭ. ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ސާފުވާންވާނެ. މިސާލަކަށް ފުލުހުންނާއި ސިފައިންގެ ވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވަން ޖެހޭނެ. އަދި އެހެންވެސް މުސްތަގިއްލު މުއައްސަސާތަކާ އެކިއެކި މަގާމްތަކަށް ބޭފުޅުން އައްޔަންކުރުމާއި މިހެންގޮސް ދައުލަތުގެ އެންމެ މަތީގައި ހުންނަވަން ޖެހޭ ބޭފުޅެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގެންނެވި ނަމަވެސް އެކަން ކުރަން ޖެހޭ ވަގުތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ ނިންމުމަކީ ރައީސް ސޯލިހާ ޕާޓީ އާއި ރައްޔިތުންނާ ވެސް މަޝްވަރާ ކުރެވިގެން ނިންމަން ޖެހޭ ނިންމުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަމުގެ ނިޒާމަށް ރާއްޖޭގައި ބަދަލެއް އަންނަން ޖެހޭ. ދެން ކޮން ވަގުތެއްގައިތޯ އަންނާނީ، އެއީ ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ޕާޓީ އާއި އަދި ރާއްޖޭގެ ރައްޔިތުންނާ ވެސް ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ނިންމޭނެ ނިންމުމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މި ވަގުތު ނިޒާމު ބަދަލުކުރުމުގެ އެއްވެސް ވާހަކައެއް އިިސްވެ ދައްކަން ޖެހިވަޑައިގަންނަވާނީ ރައީސް ސޯލިހު ކަމަށެވެ. އަދި ރައްޔިތުންނަށް ރައީސް ކުރައްވަން ނިންމަވާފައި ހުރި މައިގަނޑު ކަންކަން ކުރައްވަން ވަގުތު ދެއްވަން ޖެހޭ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ނިޒާމު ބަދަލު ކުރުމަށް ވުރެ މިވަގުތަށް ކުރަން މާ މުހިންމު ކަންކަން އެބަހުރި ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ބޮޑުވަޒީރަކަށް ވާން ވެގެން، އަނެއް މީހަކު އަނެއް ކަމެއް ވާން ވެގެން ގޯއްޗެއް ނުދެވުނީމާ ކަމަކު ނުދާނެ. ނަރުދަމާ ނާޅާ ދެވުނީމާ ކަމަކު ނުދާނެ. ޑަޔަލިސިސް ހެދެން ޖެހޭނެ. ކުޑަކުދިންގެ ޑޮކްޓަރެއް ހުންނަން ޖެހޭނެ. ރަށު ބަންދުގައި ތިބެގެން ނުވާނެ. ވަޒީފާއެއް އޮންނަން ޖެހޭނެ. މިއީ މާ މުހިންމު ކަންތައްތަކެއް ފުރަތަމަ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނިޒާމް ބަދަލުވެއްޖެ ހާލަތެއްގައި ބޮޑުވަޒީރުގެ މަގާމަށް އަންނަން ޝައުގުވެރިކަން ހުންނެވިތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ސިޔާސީ ހަރަކާތްތަކުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ނަޝީދު ނުދެއްވައެވެ.
މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އިރު، މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި އެ ޕާޓީން ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބު ކޮށްފައެވެ. ދެން އެއްމެ ގިނައިން ގޮނޑި ހޯދި ދެ ޕާޓީ ކަމުގައިވާ ޖޭޕީއަށާއި ޕީޕީއެމްއަށް ފަސް ގޮނޑި ލިބިފައިވާ އިރު، އެ ދެ ޕާޓީއިން މަޖިލިސް އިންތިހާބަށް ހެދި ކޯލިޝަނުގައި ހިމެނޭ އަނެއް ޕާޓީ ޕީއެންސީއަށް ކާމިޔާބު ކުރެވުނީ ތިން ގޮނޑިއެވެ. ބާކީ ހުރި ގޮނޑިތައް ނަގާފައި ވަނީ އެމްޑީއޭއިން ދެ ގޮނޑި އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މިނިވަން މެމްބަރުން ހަތް ގޮނޑިއެވެ.