ރައްޔިތުން އަދާލަތު ޕާޓީއަށް ވޯޓު ނުދެނީ ކީއްވެތޯ ބަލައި އެކަންކަން ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރާނެ ކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ.
އެމްޑީޕީން މަޖިލިސް އިންތިޚާބުން ހޯދި ކާމިޔާބީއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެ ޕާޓީއަށް މަރުހަބާ ކިޔާ ކަމަށް އަދާލަތުން ބުންޏެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓުން ނުހޮވުނު ސަބަބުތައް ދިރާސާކުރާނެ ކަމަށެވެ. މައްސަލަތަކަކީ ކޮބައިތޯ ބަލައި ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.
"ބަލިވެއްޖެކަމަށް ގަބޫލުކުރަން. އެކަން އެހެންވާ ސަބަބު ހޯދުމަށް ދިރާސާއެއް ކުރާނަން. އަދި ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތް ކުރާންނަން،" ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރުމުގެ ފުރުސަތު ނުލިބުނަސް ރައްޔިތުންގެ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރު އެކުލެވިފައި ވަނީ ޕާޓީތަކުން ގުޅިގެން ކުރި މަސައްކަތުން ކަމަށާއި، ރައްޔިތުންނަށްވީ ވައުުދުތައް ފުއްދުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތުތައް ހިންގަން ފަސޭހަވާ ގޮތަށް މަޖިސް ބައްޓަން ވެގެން އެ ދިޔައީ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަ ކުރުމަށް ހުރަސްތަކެއް ދެން އޮވެގެން ނުވާނެ،" ނަޒީރު ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރުދުވަހު ބޭއްވި އާއްމު އިންތިޚާބުގައި އަދާލަތު ޕާޓީން އަށް ގޮނޑި އަށް ވާދަ ކުރި އެވެ. އެކަމަކު އެންމެ ގޮނޑިއެއް ވެސް ނުލިބި އަދާލަތަށް މި އިންތިޚާބުގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.
މި އިންތިޚާބުގައި، ސަރުކާރު ކޯލިޝަނުން އެކުގައި ވާދަކުރަން ކުރިމަތިވި ހިޔާލުތަފާތުވުންތަކާ އެކު ވެސް އެމްޑީޕީއާ ގުޅިގެން ވާދަކުރަން ނިންމައި އަދާލަތުން ހުށަހެޅުންތަކެއް ހުށަހެޅިއެވެ. އެއީ، އެއް ބަޔަކު އަނެއް ބަޔަކަށް ގޮނޑިތައް ދޫކޮށްލައިގެން ވާދަކުރުމެވެ. އެހެން ނަމަވެސް އިންތިޚާބު ނިމެގެން ދިޔައީ ހުސްއަތާއެވެ.