ރިޝްވަތު ހިއްޕެވިކަމުގެ ކުށުގައި ޖަލު ބަންދުގައި ހުންނެވި ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވަރ ދޫކޮށްލުމަށް ގޮވާލައި ލޫލާ ހުންނަވާ ޖަލުގެ ބޭރުގައި އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފިއެވެ.
އެ މީހުން ގޮވަމުން ގޮސްފައިވަނީ ލޫލާއކީ ސިޔާސީ ހައްޔަރީއެއް ކަމަށެވެ.
މުޒާހަރާގައި 10،000 މީހުން ބައިވެރިވެފައިވާ ކަމަށް މުޒާހަރާ އިންތިޒާމްކުރި ފަރާތްތަކުން ބުނެފައިވާއިރު އަސްކަރީ ފުލުހުން ބުނެފައިވަނީ މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު އުޅޭނީ 5،000 އާއި 3،000 އާއި ދެމެދުގައި ކަމަށެވެ.
އުމުރުފުޅުން 73 އަހަރުގެ ލޫލާ ގެންދަވަނީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ފަރާތުން ރިޝްވަތުގެ ގޮތުގައި ގޮނޑުދޮށުގެ ސަރަހައްދަކުން މަތީ ފަންތީގެ އެޕާޓްމަންޓެއް ގަބޫލުކުރެއްވި ކަމަށް ސާބިތުވެ 12 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ލޫލާގެ މައްޗަށް ފުރަތަމަ މަރުހަލާގެ ކޯޓުން ކުށް ސާބިތުވީ 2017 ވަނަ އަހަރުގެ ޖުލައި މަހު ކަމަށްވާއިރު އިސްތިއުނާފުގެ ފުރަތަމަ މަރުހަލާ ގެއްލިވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށް ފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައި ވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތު ފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.
ލޫލާ ވަނީ 2003 އާއި 2010 ވަނަ އަހަރާއި ދެމެދު މަގުބޫލު ބޭފުޅެއްގެ ގޮތުގައި ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ.