ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމަށް ބޭއްވި މަޖިލިސް އިންތިޚާބުގައި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބީއާ އެކު އެ ޕާޓީގެ ރަސްމީ ވައިބަރ ގުރޫޕްތަކުން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ބޭރުވެއްޖެއެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ކުރި ވަރުގަދަ ކެމްޕެއިން އެޖެންޑާ 19 ގަބޫލުކުރައްވައި، އެޕާޓީގެ އެތައް ކެންޑިޑޭޓުންނަކަށް ތާއީދު ހޯއްދެވުމަށް އަލީ ވަހީދު ވަނީ މަސައްކަތްޕުޅު ކުރައްވާ އެމްޑީޕީގެ އެޖެންޑާ 19 އަށް ވޯޓް ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެން ވާހަަކފުޅު ދައްކަވާފައެވެ. އަދި ރަށްރަށަށް ވެއް ވަޑައިގެންފައި ވެއެވެ.
އެއާ އެކު އެމްޑީޕީގެ އާއްމު މެންބަރުންނާއި އެ ޕާޓީގެ އިސް ބޭފުޅުން އަލީ ވަހީދުގެ މި ނިންމެވުމަށް ދިޔައީ މަރުހަބާ ކިޔަމުންނެވެ.
ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އަދި މިހާރު ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވާ އަލީ ވަހީދަށް ބަހުގެ ހަމަލާތައް ދީ ގުރޫޕްތަކުން ބޭރުކޮށް، ޖޭޕީއަށް ލިބުނު ނާކާމިޔާބީގެ ޒިންމާ ވެސް އެ ޕާޓީގެ ބައެއް އިސް ފަރާތްތަކުން އަޅުވަނީ އަލީ ވަހީދާއި އެޕާޓީގެ ބައެއް އިސް ބޭފުޅުންގެ އިސްތަށިފުޅުގައެވެ. އެހެން ނަމަވެސް އަލީ ވަހީދާ އެކު ޖުމްހޫރީ ޕާޓީގެ ބައެއް އިސް ބޭފުޅުން އެޖެންޑާ 19 އަށް ތާއީދުކުރި ސަބަބަބެއް ކަމަށް އެބޭފުޅުން ވިދާޅުވެފައި ވަނީ ކަނޑުފޭރޭ ބަޔަކު އެޕާޓީ ފޭރިގަތުމެވެ.
އެމްޑީޕީގެ ކެމްޕެއިން އިވެއްޓެއްގައި ވާހަކަފުޅު ދައްކަވަމުން ދާދި ފަހުން އަލީ ވަހީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ތެރެއަށް ޕީޕީއެމް/ޕީއެންސީން ވަދެގަނެ، އަބުދުއްރަހީމާއި އޭނާގެ އައުވާނުން ޖޭޕީގެ ހެޑްކުއާޓަރ ކުނޫޒުން ނުނިކުންނަވާ ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުން ޖޭޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު އިރު، ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ، ޔާމީންގެ ފަހަތްޕުޅަށް ވަޑައިގަތުމުން ނޫން ކަަމަށެވެ.
އޭގެ ބަދަލުގައި ގާސިމް ފާޑު ވިދާޅުވީ، އެމްޑީޕީއަށެވެ. ވިދާޅުވީ، އެމްޑީީޕީން އިންތިޚާބު ކާމިޔާބު ކުރީ ލާރި އޮއްސައިގެން ކަމަށެވެ.
ޖުމްހޫރީ ޕާޓީ ކަނޑު ފޭރޭ ބަޔަކު ފޭރިގަތްކަމަށް ވިދާޅުވި ވާހަކަފުޅުތަކަށް ރައްދު ދެއްވާ ގާސިމް ވިދާޅުވެފައި ވަނީ 2009 ގައި ވެސް ޖޭޕީއިން ޓިކެޓް ދީގެން އެއްވެސް ބަޔަކާ ބައިވެރިނުވެ 30 މީހަކަށް ހަރަދުކޮށްގެން ހޮވުނީ ގާސިމް އެކަނި ކަމަށެވެ.
"އެއީ ކީއްވެގެން ކާކު ކޮން ވަގަކަށް ވެގެން، ތިޔަކަހަލަ ވާހަކަ ދެއްކުމަކުން ނުސިހޭނެ، ތިޔަ ވާހަކަ ދައްކާ އެކަކު ވެސް މި އިންތިހާބު ކާމިޔާބު ކުރުމަށް ކޮށް ދެއްވި ކަމެއް އެބަ އޮތްތޯ" ވައިބާ ގްރޫޕެއްގައި ގާސިމް ވިދާޅުވެފައި ވެއެވެ.
އިންތިޚާބުން ލިބުނު ނާކާމިޔާބީއާ އެކު، ޖޭޕީގެ ކުރިމަގާއި އަދި އަލީ ވަހީދުގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީ ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެރޭ އަޑިޕާކް ސަރަހައްދުގައި ބޭއްވި ހަފްލާއަށް ވެސް އަލީ ވަހީދާއި، ނައިބުރައީސް ފައިސަލް ނަސީމްގެ އިތުރުން ޖޭޕީގެ ބައެއް އިސް ބޭފުޅުން ވަޑައިގެން އުފާފާޅުކުރުމުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ޖޭޕީގެ ވައިބާ ގްރޫޕްތަކުން ނުކުމެވަޑައިގެންނެވި އިރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ޖޭޕީގެ ސިޔާސަތު ދެން މި ނިމުނީ ކަމަށެވެ.