ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީއޮފް ފިނޭންސް އިން އިއުލާން ކޮށްފިއެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، (އެންސީބީ )ގެ އުޞޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15000ރ. ދައްކަން ޖެހޭއިރު ބީލަމުގައި ބައިވެރިވުމަށް 500 ދިވެހި ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ
ބީލަން ހުޅުވުން އޮންނާނީ އަންނަ މޭ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށް ފިނޭންސް މިނިސްޓްރީންގެ އިއުލާނުގައި ބުނެފައި ވެއެވެ.
ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހު ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަޅުވަކަރު މިސްކިތް އަލުން ރަވާއި ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން މިސްކިތް ބަހައްޓާ ސަރަހައްދާއި ސަލްޓަން ޕާކު ގުޅިގެންދާނެ ގޮތަށް މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތާ ބެހޭ މަޢުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ކަޅުވަކަރު މިސްކިތް އަލުން ސަލްޓަންޕާކު ސަރަޙައްދުގައި ބަހައްޓަން ނިންމާފައި ވަނީ އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެހެން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާ ވެސް އެކުއެވެ.
ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ.
މީގެ ކުރިން ހެރިޓޭޖް މިނިސްޓްރީން ވެސް ވަނީ އެ މިސްކިތުގެ ބައިތަކަށް ފަރުވާދިނުމުގެ މަސައްކަތް ބަޔަކާ ޚަވާލުކޮށްގެން ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ކަޅުވަކަރު މިސްކިތް އަލުން ރަވާއި ބަހައްޓަން ކަނޑައަޅާފައިވާ ސަރަޙައްދުގެ ކުރެހުންތައް ވެސް މިހާރު ވަނީ ނިންމާލާފައެވެ.
މި މިސްކިތުގައިވާ ހިރިގަލުތަކުގައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1179 ވަނަ އަހަރުން ފެށިގެން 1799 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކައެކެވެ.