ވޯޓުގެ ފަރަގު ކުޑަވުމުންނާއި ބާތިލު ވޯޓު ގިނަވުމުން، މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަން ފެށުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ގިނަ ކެންޑިޑޭޓުން ވާދަ ކުރި ދާއިރާއެއްގައި ވޯޓުގެ ކުޑަ ފަރަގެއް އުޅޭނީ، ތިން ވޯޓު ފޮށްޓެއް އަލުން ގުނުމަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ދާއިރާގެ ނަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި އަލުން ވޯޓު ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެވެ. އެ ދާއިރާއަށް ވާދަ ކުރި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓެއްގެ ވޯޓުގެ ފަރަގު 13 އަށް އަރައެވެ. އެއީ މި އިންތިހާބުގައި ވޯޓުގެ ފަރަގު ކުޑަ ދާއިރާއެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 815 ވޯޓު ހޯއްދަވައިގެން، ގޮނޑި ހޯއްދަވާފައި ވަނީ ޔާމީން ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 802 ވޯޓެވެ. ބާތިލު ވޯޓުގެ އަދަދު 30 އަށް އަރައެވެ.
ޝަރީފު ވިދާޅުވީ އިންތިހާބާ ގުޅިގެން 21 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 15 ޝަކުވާއަކީ ރީރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތައް ކަމަށާއި ވޯޓުލާ މަރުކަޒުތަކުގައި އަމަލު ކުރި ގޮތާ ގުޅޭ ގޮތުން ހަތަރު ޝަކުވާއެއް ލިބިފައިވާ ކަމަށަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ދެ ޝަކުވާއެއް އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
---
ނޯޓް: އަލުން ވޯޓު ގުނަނީ އިސްދޫ ދާއިރާގެ ތިން ވޯޓު ފޮށީގައި ކަމަށް "ރާއްޖެއެމްވީ"އަށް ރިޕޯޓް ކުރެވުނީ މައުލުމާތު ދިން ފަރާތަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ވީމާ މި ކުށަށް ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ.