ޕާކިސްތާނު އެމްބަސީން ރާއްޖޭގެ ލައިބްރަރީތަކަށް ޚާއްސަކޮށްގެން ހަދިޔާ ކުރި 440 ފޮތް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަހުމަދު ޒާހިރު ވިދާޅުވީ، މި ފޮތްތަކަކީ 88 މައުޟޫގެ މައްޗަށް ބިނާކޮށް އިސްލާމް ދީނާ ގުޅޭ ތަފާތު އެކި މައުލޫމާތުތައް ހިމެނޭ ފޮތްތަކެއް ކަމަށާއި، ގދ. ތިނަދޫ އާއި ރ. އުނގޫފާރުގައި އަލަށް އިމާރަތް ކުރެވޭ އިސްލާމީ މަރުކަޒުގެ ލައިބްރަރީ އާއި، އެމަރުކަޒުގެ މައި ލައިބްރަރީއަށް މި ފޮތްތައް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިނިސްޓްރީގެ އެދުމަކަށް ޕާކިސްތާނު އެމްބަސީން މި ފޮތްތައް ހަދިޔާ ކުރި ކަމަށްޓަަކައި ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
"މި 440 ފޮތް އެއީ 80 މައުޟޫއަކަށް ލިއެފައިހުރި ފޮތްތަކެއް. އެހެންވީމާ 88 މައުޟޫއަށް ތަފާތު 440 ފޮތެއް މި ހަދިޔާ ކުރެވެނީ. މި ފޮތްތަކަކީ ގދ ތިނަދުއާ ރ އުނގޫފާރުގަ އަލަށް އިމާރަތް ކުރެވޭ އިސްލާމީ މަރުކަޒުގެ ލައިބްރަރީއަށާއި. އަދި އިސްލާމީ މަރުކަޒުގެ ލައިބްރަރީއަށް ހަދިޔާކުރެވޭ ފޮތްތަކެއް. މިއީ އަޅުގަނޑުމެންގެ އަތުގައި ރިފަރެންސް ފޮތްތަކާއި. އެއްޗެހި ނެތުމުގެ ސަބަބުން އަޅުގަނޑުމެންގެ ރިކުއެސްޓަކަށް ބައްލަވައިގަނެ މިނިސްޓްރީއަށް ހަދިޔާކުރާ ފޮތްތަކެއް،" މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ވަސީމް އަކްރަމް ވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، ވަސީމް ވިދާޅުވީ، ޕާކިސްތާނުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުން އެހީތެރިވެދޭނެ ޤައުމަކަށް ޕާކިސްތާނު ވާނެ ކަމަށެވެ.