ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 264،442 މީހުންގެ ތެރެއިން ވޯޓުލީ މީހުންގެ އަދަދު 212،079އަށް އަރާ ކަަމަށެވެ.
އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 80.2 ޕަސެންޓެވެ. ވޯޓު ނުލާ މީހުންގެ އަދަދަކީ 52،363 އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެެރެއިން 19.8 ޕަސެންޓެވެ.
މީގެ ހަ މަސް ކުރިން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާފައި ވަނީ 233,889 މީހުންނެވެ. އެފަހަރު ވޯޓުލާފައި ވަނީ 89.2 ޕަސެންޓް މީހުންނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިފަހަރު އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލީ ނިސްބަތަށް ވުރެ، މިފަހަރުގެ އިންތިހާބުގައި ވޯޓާން ނުކުތް އަދަދު ގިނައެވެ. މީގެ ފަސް އަހަރު ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ނުކުމެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 77.3 ޕަސެންޓް މީހުންނެވެ.
2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 240,652 މީހުންގެ ތެރެއިން، އެފަހަރު ވޯޓުލާފައި ވަނީ 186,089 މީހުންނެވެ.