ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ވަޑައިގަތުމަށް ޝައުޤުވެރިވެ ވަޑައިނުގަންނަވާ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ހޯދި ބޮޑު ކާމިޔާބީއާ ގުޅޭ ގޮތުން ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޝައުގުވެރިވެ ވަޑައިގަންނަވަނީ މަޖިލީހުގެ ރިޔާސަތަށް ނޫން ކަމަށާއި، ތަޅުމުގައި ހުންނަވައިގެން މަޖިލިސް ހިންގެވުމުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މިފަހަރު ވެސް ކާމިޔާބު ކުރެއްވި މުހައްމަދު އަސްލަމް އަކީ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޤާބިލް ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަމާމެދު ގޮތެއް ނިންމަވާނީ އެމްޑީޕީގެ މެމްބަރުންނާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ އަސްލަމް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ތިން ވަނަ ފަހަރެވެ.
މަޖިލީހުގެ މިހާރުގެ ރައީސް އަކީ، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ. އާ މަޖިލީހުގައި ގާސިމަށް މަޖިލިހުގެ ރިޔާސަތު ގެއްލިގެން ދާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ތަފާތު ނަތީޖާއެއް ނެރުނު އިންތިހާބެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މިފަހަރު މި ލިބިގެން ދިޔަ ވަރުގެ ކާމިޔާބެއް ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެހެން ބަޔަކަށް ލިބިގެން ގޮސްފައި ނުވާ ކަމަށެވެ. މިހާތަނަށް ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 65 ގޮނޑިއާއެކު މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީން ވަނީ ހޯދައިފަ އެވެ.
އިންތިޚާބުގައި އެމްޑީޕީން އެންމެ މުހިންމު ކަމެއް ދިނީ ކުރަން އުޅޭ ކަންތައްތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ކަމަށާއި އެޖެންޑާ 19 ގައި ހުރި ހުރިހާ ކަންތައްތައް ވެސް ރައްޔިތުން ބޭނުންވާ ކަމަށާއި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް އެކު އެކީގައި ކުރިއަށް ގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މަޖިލިސް ތަފާތުކޮށް ހިނގާތަން ރައްޔިތުންނަށް ފެނިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.