ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ބޮޑު ކާމިޔާބީއެއް ހޯދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ގޮނޑިއެއް ނުލިބޭ ހަމައެކަނި އަތޮޅަކީ އދ. އަތޮޅު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އދ. އަތޮޅު ތަމްސީލު ކުރުމަށް، އެ އަތޮޅުން އިންތިހާބު ކުރި ތިން މެމްބަރުންނަކީ މާމިގިލީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މަހިބަދޫ ދާއިރާއަށް ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަތު ތޯރިގު (ޓޮމް) އާއި ދަނގެތި ދާއިރާއަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާމިގިލީ ދާއިރާގެ ގޮނޑި ގާސިމް ކާމިޔާބު ކުރެއްވީ 52 އިންސައްތަ ވޯޓް ހޯއްދަވައިގެންނެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒަށެވެ. އެގޮތުން ގާސިމް އަމީޒާ ދެމެދު އުޅެނީ 100 ވޯޓަށް ވުރެ ވެސް ކުޑަ ތަފާތެކެވެ .
މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރު ވެސް އެ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ. ދަނގެތި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. ނާޒިމަކީ މުޅިން އަލަށް ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ
މަހިބަދޫ ދާއިރާ ކާމިޔާބު ކުރެއްވި ތޯރިގާ އެންމެ ގާތުން ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓް އަހުމަދު ސުނީލްއެވެ.
ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރި އަތޮޅުތަކަކީ ހއ.، ށ.، ނ.، އއ.، މ.، އަދި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީ އެވެ. މާލެ ސިޓީން އެމްޑީޕީއަށް ގެއްލުނީ ހަމައެކަނި ވިލިމާލެ ދާއިރާގެ ގޮނޑި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީން ވަނީ 65 ގޮނޑި ކަށަވަރުކޮށްފައެވެ. މިއީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީގެ ދަށުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި އެއް ޕާޓީއަކަށް މިހާ ބޮޑު އަޣުލަބިއްޔަތެއް ހޯދުނު ފުރަތަމަ ފަހަރެވެ.
މަޖިލީސް އިންތިޚާބުގައި 2017 ވަނައަހަރާއި 2018 ވަނަ އަހަރު ވެސް އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ 26 ގޮނޑިއެވެ.