އެމްއެންޑީއެފް ކޯސްޓް ގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހާއްސަ ސަވައިލެންސް އޮޕަރޭޝަނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ކަނޑުގެ ސަރަހައްދު ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގުމަށް ހަމަޖެހިފައި ވަނީ މި މަހު 8 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ އޮޕަރޭޝަންގައި ސަވައިލެންސް ކުރާނީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ކަމަށް ވެސް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ.
ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހަމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ޚާއްސަ ގޮތެއްގައި އަސްކަރީ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުުޅުން ވަނީ ވަރުގަދަވެފައެވެ.
އިންޑިއާގެ ހެލިކޮޕްޓަރެއް ވެސް ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ އިރު އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް، ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބޭތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލުމަށް، އިންޑިއާ އިން ރާޑާ ސިސްޓަމެއް ހަދިޔާ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެއެވެ. އަދި ތަފާތު އެކި ދުވަސްވަރު ދެ ގައުމުގެ ސިފައިން ގުޅިގެން ތަމްރީންތައް ކުރިއަށް ގެންދެއެވެ.