ރައްޔިތުންގެ މަޖިލީހުގައި ކުރިން މެމްބަރުކަން ކުރައްވާފައިވާ 11 މެމްބަރަކު މަޖިލީހަށް ހޮވިވަޑައިގެންފިއެވެ.
މަޖިލީހަށް މެމްބަރުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރިން މަޖިލީހުގައި މެމްބަރުކަން ކުރެއްވި 11 މެމްބަރަކު ވަނީ މަޖިލީހަށް އަލުން ހޮވި ވަޑައިގެންފައެވެ. އޭގެ ތެރެއިން ދެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށްގެން ހޮވިވަޑައިގެންނެވި މެމްބަރުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން 1999 ވަނަ އަހަރު މަޖިލީހުގެ މާލެ މެމްބަރުކަން ކުރައްވާފައެވެ. އެމަނިކުފާނުގެ ގޮނޑި ގެއްލުނީ ވެލާނާގެއިން ލިޔެކިޔުންތަކެއް ގެއްލުނު މައްސަލައިގައި ވައްކަމުގެ ތުހުމަތުކޮށް އެމައްސަލަ ސާބިތުކޮށްގެންނެވެ. ނަޝީދު މިފަހަރު ހޮވިވަޑައިގެންފައި ވަނީ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ކާމިޔާބު ކުރައްވައިގެންނެވެ.
2009 އިން 2013 ވަނަ އަހަރާ ހަމައަށް މެމްބަރުކަން ކުރެއްވި ނުވަ މެމްބަރަކު ވަނީ މިފަހަރުގެ މަޖިލީހުގެ ގޮނޑި އަލުން ކާމިޔާބު ކުރައްވާފައެވެ. މަޖިލީސް އިންތިޚާބުގެ ދާއިރާތަކުގެ ތެރެއިން ވާދަކުރެއްވި ހަތް މެމްބަރުން ކަމަށްވާ ބާރަށު ދާއިރާ އަށް ވާދަކުރެއްވި އަހުމަދު އަބްދުﷲ އާއި، ކެނދިކުޅުދޫ ދާއިރާ އަހުމަދު އީސާ، ކޮމަންޑޫ ދާއިރާގެ ހުސައިން ވަހީދު، މިލަންދޫ ދާއިރާ އަލީ ރިޒާ، ކިނބިދޫ ދާއިރާ މުހައްމަދު ނާޝިޒު، ހުޅުމީދޫ ދާއިރާ އިލްޔާސް ލަބީބު މާފަންނު ދެކުނު ދާއިރާ އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
މީގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކާށިދޫ ދާއިރާ އަބްދުﷲ ޖާބިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އަމިއްލަ ގޮތުން ވާދަކުރެއްވި ނިލަންދޫ ދާއިރާއަށް ހޮވިވަޑައިގެންނެވި އަބްދުލް މުހުސިން (ޖޭފޯ) އެވެ.
އެ ނުވަ މެމްބަރުން ވެސް ވަނީ ފަސް އަހަރުގެ ޓާމެއް މަޖިލީހުގައި ހޭދަ ކުރެއްވުމަށް ފަހު 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ނާކާމިޔާބުވެ ވަޑައިގަންނަވާފައެވެ. އަދި އަލުން މަޖިލީހަށް ވާދަކުރައްވާ މިފަހަރު ހޮވިވަޑައިގެންފައެވެ.
ނާޝިޒަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލިފުށި ދާއިރާ ތަމްސީލު ކުރެއްވި މެންބަރެވެ. އެ ފަހަރު 18 ވަނަ މަޖިލީހުގެ އިންތިހާބުގައި ކިނބިދޫ ދާއިރާ އަށް ވާދަކުރައްވާ ވަނީ ނާކާމިޔާބުވެފައެވެ. ދެން ތިއްބެވި މެމްބަރުންނަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާތައް ތަމްސީލު ކުރައްވާ އެ ފަހަރު ނާކާމިޔާބުވެވަޑައިގަތް މެމްބަރުންނެވެ.
މީގެ އިތުރުން 16 ވަނަ މަޖިލީހުގައި މެމްބަރުކަން ކުރެއްވި ވިލިފުށީ ދާއިރާއަށް ވާދަކުރެއްވި ހަސަން އަފީފު ވެސް ވަނީ މި ފަހަރުގެ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައެވެ. ހަސަން އަފީފު ވަނީ ވިލިފުށި ދާއިރާ ތަމްސީލު ކުރެއްވި މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައެވެ.
މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ޕާޓީއަކަށް ސުޕަރ މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރެވެ.