ސިވިލް ސަރވިސް ކޮމިޝަންގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށް އެ ކޮމިޝަނުގެ ޓްރަސްޓް ފަންޑެއް ގާއިމުކޮށްފިއެވެ.
ސިވިލްސަރވިސްގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެދެއްވައި، އެ ކޮމިޝަންގެ ޓްރަސްޓް ފަންޑު ގާއިމުކުރުމުގެ ލިޔުމުގައި ސޮއިކުރެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހަފުލާގައި، ފިނޭންސް އެންޑް ޓްރެޝަރީގެ މިނިސްޓަރު އަހުމަދު މުނައްވަރެވެ.
ސީއެސްސީން ބުނީ މި ޓްރަސްޓު ފަންޑަކީ ކޮމިޝަނުން ހިންގަން ބޭނުންވާ ކަންކަމަށް މާލީ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ގާއިމުކުރި ފަންޑެއް ކަމަށެވެ. މި ފަންޑުގެ ބޭނުމަކީ ސިވިލް ސަރވިސް މުއައްޒަފުންނާއި ކޮމިޝަނުގެ މުއައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަމަށް ހަރަދު ކުރުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ސީއެސްސީން ބުނީ މި ފަންޑަށް ހައިރާތު ހޯދުމަށް ގަސްތުކޮށްފައިވަނީ ހެޔޮއެދޭ ފަރާތްތަކުންނާއި ސިވިލް ސަރވިސްގެ ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވަސީލަތްތައް އިތުރުން އާމްދަނީ ލިބޭނެ ވަސީލަތްތައް ބޭނުންކޮށްގެންނާއި އަދި ކޮމިޝަނުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ.
މި ރަސްމިއްޔާތުގައި ސިވިލް ސަރވިސްގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ ސިވިލް ސަރވިސްގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގެ އުސްއަލިތައް ފާހަގަކުރައްވާފައެވެ.
އެގޮތުން 2016 ވަނަ އަހަރު ނިމުނުއިރު، 55.5 އިންސައްތަ އަންހެން މުވައްޒަފުންނާ އެކު ސިވިލް ސަރވިސް ކޮމިޝަނުގެ މުއައްޒަފުންގެ ޖުމުލަ އަދަދަކީ 24،501 (ސައުވީސް ހާސް ފަސް ސަތޭކަ އެއް) މުވައްޒަފުންނެވެ. މުސްކުޅިކުރެވުނު މުވައްޒަފުންގެ އަދަދަކީ 150 އެވެ.
މިދިޔަ އަހަރަށް ކައުންސިލަށް 317 މައްސަލައެއް ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 240 މައްސަލަ ބަލައި ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި 75 މައްސަލައެއް މިހާރު ބަލަމުންދާ ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮމިޝަންގެ ޓްރިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭއިން އެންމެ ގިނައިން ފާހަގަކުރެވެނީ ޤަވާޢިދާއި ޚިލާފަށް ވަޒީފާއިން މުއައްޒަފުން ވަކިކުރާ މައްސަލަތައް ކަން ވަނީ ފާހަގަކުރައްވާފައެވެ.
ފާއިތުވެ ދިޔަ 9 އަހަރުގެ ތެރެއިން 2016 ވަނަ އަހަރު ފާހަގަކުރެވިގެން ދަނީ ބޮޑެތި ގޮންޖެހުންތަކާއި ފަޚުރުވެރިވެވޭ ފަދަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއްގެ ގޮތުގައި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. ކޮމިޝަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ 2016 ވަނަ އަހަރަކީ ފާއިތުވެދިޔަ 9 ވަނަ އަހަރު ތެރޭގައި ލިބުނު އެންމެ ކުޑަ ބަޖެޓުކަމަށް ވުމުން އޭގެ ސަބަބުން ކޮމިޝަނުން ހާސިލުކުރަން ކަނޑައަޅާފައިވާ ބައެއް ކަންކަން ނުކުރެވި ދިޔަ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.
ކޮމިޝަނުގެ އަހަރީ ރިޕޯޓް ނެރެފައިވާ އިރު ފާއިތުވި އަހަރު ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭންޖެހޭ ބޯނަސް ފައިސާ އަދިވެސް ދީފައި ނުވާކަން ފާހަގަކުރެވެއެވެ.