ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް މުޅިން އަލަށް ހޮވުނު 2 މެމްބަރުންނާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަންހެނުންގެ އަދަދު 4 އަށް އަރާފައިވާއިރު، އެ 4 މެމްބަރުންނަކީ ވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ)އަށް ނިސްބަތްވާ 4 މެމްބަރުންނެވެ.
ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ މަޖިލިސް އިންތިހާބުގައި 31 އަންހެން ކެނޑިޑޭޓުން ވާދަކުރެއްވިއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން އޭގެ ތެރެއިން ކާމިޔާބު ލިބިވަޑައިގެންފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މިހާރުގެވެސް މެމްބަރު އީވާ އަބްދުﷲ އާއި، އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެމްބަރު ރޮޒެއިނާ އާދަމްއާއި، މަޖިލީހަށް މުޅިން އަލަށް ހޮވުނު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއާއި، ހިންނަވަރު ދާއިރާގެ މެމްބަރަަކަށް ހޮވިވަޑައިގެން މެމްބަރު ޖީހާން މަހުމޫދުއަށެވެ.
މި 4 މެމްބަރުންނަކީ ވެސް އެމްޑީޕީން ވާދަކުރެއްވި ކެނޑިޑޭޓުންނަށްވާއިރު، އަންހެނުންނާއި ނުލައި މި ޤައުމަކީ ފަޅި ޤައުމެއް ކަމަށާއި، ދިވެހިން ބޭނުން ވަނީ ފުރިހަމަ ޤައުމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކި ދާއިރާތަކުގައި ދިވެހި އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށް އަދިވެސް ގޮންޖެހުންތަކެއް ހުރި ކަމަށާއި، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި، ވަޒީރުންގެ މަޖިލީހާއި، ކުންފުނިތަކުގެ ބޯޑާއި، ކައުންސިލުތައް ވެސް ހިމެނޭ ކަމަށާއި، އެތަންތަނުގައި އަންހެނުން ޝާމިލުވާ މިންވަރު އަދިވެސް މަދު ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން، އަންހެނުންނަށް ހަމަހަމަ ފުރުޞަތާއި، މަތީ މަޤާމުތައް ހޯދައިދިނުމުގެ ވާހަކަ ލައްކަ ދުވަސްތަކެއް ވަންދެން ދެއްކިއްޖެ ކަމަށާއި، މި ސަރުކާރުން ބޭނުން ވަނީ ބަސް މަދުކޮށް، ޢަމަލީ ގޮތުން އެ ކަންކަން ޙާޞިލް ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.