ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ހޯދި ޔާމިޔާބީއާ އެކު ދިވެހިރާއްޖެ އަލިވިލެން މި ދަނީ މާ އުފާވެރި ފަތިހަކަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅު، އަޑިޕާކުގައި ބޭއްވި އުފާފާޅުކުރުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ހޯދި ކާމިޔާބީއަކީ ރައްޔިތުންގެ ކާމިޔާބީއެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ހަވާލު ކުރި މަސައްކަތް މާތްﷲގެ އިރާދަފުޅާ އެކު ފުއްދަވައި ދެއްވާނެ ކަމަށާއި އެކަން ކުރާނީ "އަކުރުން އަކުރަށް، ރަނުން ރަނަށް" ކަމަށެވެ.
"މި ދިވެހިރާއްޖެ އަލިވިލެން މި ދަނީ މާ އުފާވެރި ފަތިހަކަށް. ރަން ރީނދޫއިން ޖަރީވެފައިވާ ފަތިހަކަށް. ދިވެހިރާއްޖޭގެ ރައްޔިތުންގެ އުންމީދީ ފަތިހަކަށް. އިރާދަ ކުރެއްވިއްޔާ ތިބޭފުޅުން އަޅުގަނޑުމެންނާ ހަވާލު ކުރައްވާފައިވާ މަސައްކަތް. އަކުރުން އަކުރަށް، ރަނުން ރަނަށް، ކޮށްދޭނަން،" މައްޗަންގޮޅީ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ރައީސް ސޯލިހު ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވަމުން ނަޝީދު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު، އެމްޑީޕީގެ އެންމެ އިސް ވާޖިބަކީ ސަރުކާރު އޮމާންކަމާއި އަމާންކަމާ އެކު، ދެމެހެއްޓުން ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކީ ސަރުކާރަށް ދެމެހެއްޓެނިވި، އޮމާންކަން ގެނައުން. ހަމަޖެހުން ގެނައުން. އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮމާންކަމާއި އަމާންކަމާއި ހަމަޖެހުމާ އެކީގައި ހިނގަމުންދިއުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން، ހެންވޭރު އަޑިޕާކުގައި ބޭއްވި އުފާފާޅު ކުރުމުގައި ގިނަ ރައީސް ސޯލިހާއި ރައީސް ނަޝީދާ އެކު ކެބިނެޓްގެ ބައެއް ވަޒީރުންނާއި ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ނައިބު ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ކުރިއަށް ގެންދިޔަ އެ އުފާފާޅު ކުރުން ދޮޅު ގަޑިއެއްހާއިރަށް އެ ސަރަހައްދުގައި ކުރިއަށް ގެންދިޔައެވެ.