ރައްޔިތުން މަޖިލިސް އިންތިޚާބުގެ ގޮނޑި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ދެމަފިރިންނާއި ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް ހިސާން ހުސައިންގެ ދެމަފިރިން ކާމިޔާބުކުރައްވައިފިއެވެ.
މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އައްޑޫ މީދޫ ދާއިރާ ރޮޒައިނާ ކާމިޔާބު ކުރެއްވީ 53.27 އިންސައްތައިންނެވެ. އަދި މި ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުއް ރަހުމާނަށް 39.25 އިންސައްތަ ލިބިފައިވާއިރު، ޖޭޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ފަރުހަދުއަށް ލިބުނީ 7.48 އިންސައްތައެވެ.
ރޮޒެއިނާ މަޖިލީހަށް ފުރަތަމަ އިންތިޚާބުވީ 2009 ވަނަ އަހަރު ތުލުސްދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައެވެ.
ރޮޒައިނާގެ ފިރިކަލުން މުހައްމަދު ނާޝިޒު ކިނބިދޫ ދާއިރާ ކާމިޔާބު ކުރެއްވީ 47.84 އިންސައްތަ ވޯޓުންނެވެ.
އަމިއްލަ ގޮތުން މި ދާއިރާއަށް ވާދަކުރެއްވި، އިބްރާހިމް ރިޒާއަށް 19.99 އިންސައްތަ ލިބުނެވެ. ދެން ވާދަކުރެއްވީ އިބްރާހިމް ނައީމްއަށް އަބްދުލް ސަލާމް އަހުމަދާއި، ޖޭޕީގެ ޓިކެޓްގައި ވާދަކުރެއްވި އަހުމަދު ޝަރީފުގެ އިތުރުން ޕީއެންސީގެ ޓިކެޓްގައި އަހުމަދު ހަލީލް އަދި ލޭބަރ ޕާޓީގެ ޓިކެޓްގައި މުހައްމަދު އަމްޖަދު ވާދަކުރައްވާފައި ވެއެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ގާނޫނީ ވަކީލާ ހިސާން ހުސައިން ކާމިޔާބު ކުރެއްވީ 62.62 އިންސައްތަ ވޯޓާއެކުއެވެ. އަދި މި ދާއިރާއިން ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު އަތީފުއަށް 27.36 އިންސައްތަ ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު ޒަހީންއަށް 8.9 އިންސައްތަ ލިބިފައިވާއިރު، އިބްރާހިމް އަފީފުއަށް ލިބުނީ 1.13 އިންސައްތައެވެ.
ހިސާންގެ ފިރިކަލުން އިބްރާހިމް ނާޒިލް މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ބޮޑު ތަފާތަކުން ވަނީ ކާމިޔާބު ކުރައްވާފައެވެ.
ނާޒިލްއަށް 69.65 އިންސައްތަ ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ޑރ. އަހުމަދު އަދީލް ނަސީރަށް 24.12 އިންސައްތަ، އަހުމަދު ލަތީފު 3.18 އިންސައްތަ އަދި މުހައްމަދު ރަޝީދަށް ލިބުނީ 3.05 އިންސައްތައެވެ.
މިއި ވަގުތީ ނަތީޖާތައް ކަމަށް ވުމުން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައި ނަމަވެސް ކާމިޔާބުކުރި ކެންޑިޑޭޓުން ބަދަލުވާނެ ކަމަކަށް ނުބެލެވެއެވެ.
އެމްޑީޕީގެ ޓިކެޓުގައި މި ދެ ޖޯޑަށް މަޖިލިސް އިންތިޚާބު ކާމިޔާބު ލިބިވަޑައިގެންނެވި އިރު، މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރި އެމްޑީޕީންނެވެ.