ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިންތިޚާބަށް ފަހު އެމްޑީޕީއަށް ލިބުނު މެޖޯރިޓީ ފާހަގަ ކުރުމަށް ލޮނުޒިޔާރާތްކޮޅުގެ އަޑިޕާކުގައި ބޭއްވި އުފާފާޅުކުރުމުގައި ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޓް ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށެވެ. ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުގީގު ކުރުމަށް އެމަނިކުފާނު އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ބާރު ދެއްވާނެ ކަމަށެވެ.
"މިއީ ގައުމުގެ ރައްޔިތުން އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު. އެންމެން އެކީގައި މަސައްކަތް ކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. އަޅުގަނޑު މިއަދު ވެސް މިހުރީ މި ޓީމާ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް. ކޮރަޕްޝަނާއި ވައްކަން ބަލަން އެކުލަވައިލި ކޮމިޝަނާ މަޖިލިހާ އެކު ކުރިއަށް ދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް އެތައް ފަހަރެއްގެ މަތިން އެޖެންޑާކޮށް ހުށައެޅި ނަމަވެސް އެ ބިލް މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ. ރިޔާސީ ކޮމިޝަންތައް އުފެއްދީ މިނިވަން މުއައްސަސާތަކަށް ކުރާ އިތުބާރު ނެތުމުން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ވައްކަމާއި ކަރަޕްޝަނަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި "ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ކަމަށެވެ. އަދި ފެނިގެން ދިޔައީ ނުފޫޒާއި ބާރުން އެއްކިބާވެފައިވާ މަންޒަރު ކަމަށާއި ރައްޔިތުން ވައްކަމާއި ކަރަޕްޝަން ބޭނުން ނުވާ ކަމަށެވެ.
ރައީސް ވަނީ މިފަހަރުގެ އިންތިޚާބުގައި އެމްއެންޑީއެފާއި ފުލުހުން ދެއްކި ނަމޫނާއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްކުރާ ގޮތުގެ ޒިންމާ އަދާކުރޭތޯ ނޫސްވެރިން ބަލަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފައިސާއަށް ޚިޔާނާތްތެރިވެއްޖެ ނަމަ އެކަން ހާމަކުރެއްވުމަށް އެދިވަޑައިގަތެވެ.
"ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ފައިސާ އަށް ހިޔާނާތްތެރިވެއްޖިއްޔާ ލިޔުއްވާ. އަޅުގަނޑު މި ހުރީ ފިޔަވަޅު އަޅަން ތައްޔާރަށް. މި ސަރުކާރުގައި ތިބެން ވާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އަމިއްލަ މަސައްކަތް ކުރުމުގެ ޖާގައެއް ހިލާ އަޅުގަނޑު ނުދޭނަން." ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން މި ނިންމި ނިންމުމަކީ 23 ސެޕްޓެމްބަރުގެ ނިންމުމާ އެކު ތިއްބެވި ކަން އަންގައިދޭ ނިންމުމެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.