ރައްޔިތުން މަޖިލިސް އިންތިޚާބުގައި ޖުމްހޫރީޕާޓީއަށް ބޮޑު ނާކާމިޔާބީ ކުރިމަތިވީ "ވަގެއް"ގެ އަތުގައި ހިފުމުން ކަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ސްޕޯކްސްޕާސަންގެ މަގާމުގައި ވެސް ހުންނެވި އަދި ކައުންސިލް މެންބަރު އަލީ ސޯލިހު ވިދާޅުވީ "ވަގެއް"ގެ އަތުގައި ހިފުމުން އެކަން ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި، ޖޭޕީން ރައްޔިތުންގެ އިތުބާރު ނަގާލީ ކަމަށެވެ. އަދި ވިދާޅުވީ "ވަގެއް"ގެ އަތުގައި ހިފީމަ ދަތް އަޅާނެކަން މިހާރު ވިސްނޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތަކަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދިއުމަކީ މި ނާކާމިޔާބީގެ އަސްލު ކަމަށެވެ.
މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ އަލީ ސޯލިހު ވިދާޅުވީ "ވަގެއް"ގެ އަތުގައި ނުހިފުމަށް ކުރި އާދޭސް ބަލައިނުގަނެ، އެ އަތުގައި ހިފުމުން ލިބުނު ނާކާމިޔާބީއަށްޓަކައި ލަދުވެތިވެ، ހިތާމަކުރާ ކަމަށެވެ.
Vageh ge athuga nuhifan kuri aadeys balinugane e athugaa hifumun libun bodu naakamiyaabah takaa ladhuvethi hithaama kuran, marukhaba Mirey kaamiyaabu kuri candidate ihnanh
— ali solih (@alisolih) April 6, 2019
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާތައް ލިބެމުން އަންނަ އިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ 60 ވަރަކަށް ގޮނޑި ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.