Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 17:00
ވިލާ ކުންފުނީގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ވިލާ ކުންފުނީގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ހައިކޯޓް
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
ވިލާ ކުންފުނީގެ މަސްލަހަތަށް ވުރެ ދައުލަތުގެ މަސްލަޙަތު ބޮޑު
އަމުރުގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކޮށްފައި ނުވޭ
ސަރުކާރަށް ގާސިމް ފާޑުވިދާޅުވާ ކޮންމެ ފަހަރަކު ވިޔަފާރިއަށް ކޮންމެވެސް ގެއްލުމެއް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އަތުން ގދ. ކާޑެއްދޫ އެއާޕޯޓް އަތުލުމަށް ޓޫރިޒަމް މިނިސްޓްރީން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލް ކޮށްފި އެވެ.

 

ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް 2013 ވަނަ އަހަރުގެ ނޮވެމްބަރު ހަ ވަނަ ދުވަހު ވިލާއާއެކު ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ނިމުމަކަށް ގެނެސް، އެކަން ވިލާ އަށް އެންގީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން ގަވާއިދުތަކާ މިންގަނޑުތަކާ ޚިލާފަށް ބައެއް ކަންކަން ހުރުމުންނެވެ.

 

އެއްބަސްވުން ބާތިލުކޮށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިސްއާ މެދުގައި ޚިލާފު އުފައްދާ އެއްބަސްވުން އެގޮތަށް އުވާނުލެވޭނެ ކަމަށާއި އެއްބަސްވުމުގެ ދަށުން ވިލާ އަށް ލިބިގެންވާ ހައްގުތައް ފުރިހަމަ އަށް ލިބިދިނުމަށް ދިވެހި ދައުލަތުގެ މައްޗަށް ވިލާ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އަދި އެ ދައުވާގެ ޝަރީއަތުގައި ވަކި ގޮތެއް ކަނޑައަޅަންދެން އެއްބަސްވުން ބާތިލުކޮށް ފޮނުވި ނޯޓިސް އަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަމުރެއް ނެރެ ދިނުމަށް ވެސް އެ ކުންފުނިން އެދުނެވެ.

 

ވިލާ ކުންފުނިން އެދުނު ގޮތަށް، ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ވަނީ އަމުރު ނެރެ ދެއްވާފައެވެ. ގާޒީ މުހައްމަދު ހަލީމް ނެރުއްވި އަމުރުގައި ވަނީ، އެއްބަސްވުން ބާތިލްކުރި ގޮތް ސައްޚަ ކަމަށް ޝަރީއަތުން ކަނޑައެޅުމުގެ ކުރީގައި އެއްބަސްވުން ބާތިލުވާ ކަމަށް ބެލެވިގެން އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއަކުން އިޔާދަ ނުކުރެވޭ ފަދަ އެއްވެސް ގެއްލުމެއް ކުރިމަތިވާ ނަމަ އެ ގެއްލުން ހުއްޓުވުމުގެ ގޮތުން ޝަރީއަތުގެ ފަރާތުން ވަގުތީ ގޮތުގައި ފިޔަވަޅުތައް އަޅައި އަމުރުތައް ނެރުމަކީ ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.

 

ދައުލަތުން ވަނީ ދަށު ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފު ޝަރީއަތުގައި ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ދަށު ކޯޓުން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށާއި އެހެންކަމުން އެއީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅާފަ އެވެ.

 

ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ދަށު ކޯޓުން އަމުރު ނެރެފައިވަނީ ވިލާ ކުންފުންޏަށް ލިބިދާނެ ގެއްލުމެއް ހުއްޓުވުމަށްކަން އެވަގުތީ އަމުރަށް ބެލުމުން އެނގެންއޮންނައިރު، ވަގުތީ އަމުރަށް އެދި ހުށަހަޅާ މައްސަލަތަކުގައި އެއަމުރު ނުނެރެފިނަމަ، އެއަމުރަށް އެދުނު ފަރާތަށް ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކުރާފަދައިން އެއަމުރު ނެރުމުގެ ސަބަބުން އަނެއް ފަރާތަށް ލިބިދާނެ ގެއްލުމަކަށްވެސް ޝަރީޢަތުން ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

 

ވިލާ ކުންފުނިން ދަށު ކޯޓަށް ހުށަހެޅި މައްސަލަ ނިމޭގޮތަކުން ނުވަތަ އެއަމުރު ނެރުމުގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުން ކުޑަކުރެވޭނެ ނުވަތަ ހިމާޔަތްކުރެވޭނެ ގޮތްތަކެއްގެ މައްޗަށް އެއަމުރު ނެރުމުގައި ދަށު ކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމަށް ހައިކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

 

މިމައްސަލާގައި ވަގުތީ އަމުރު ނެރުމުގައި ހިމާޔަތްކުރެވޭ ވިލާ ކުންފުނީގެ މަސްލަޙަތަށްވުރެ، އެއަމުރު ނުނެރުމުން ހިމާޔަތްކޮށް، ރައްކާކުރެވޭ ދައުލަތުގެ މަސްލަޙަތު ބޮޑުކަމަށް މައްސަލަ ބެއްލެވި ހައިކޯޓުގައި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

 

ވިލާއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައި ބުނާ ގޮތުން ކާޑެއްދޫ އެއާޕޯޓް އެކުންފުންޏަށް ކުއްޔަށް ދީފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. 2013 ވަނަ އަހަރު ވިލާ އަށް އެއާޕޯޓް ދިން ނަމަވެސް، ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވެ، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފެށުމާއެކު އެއާޕޯޓް އަތުލުމަށް 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވެސް ނޯޓިސް ފޮނުވި އެވެ. އެ ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރުކޮށްފައިވަނިކޮށް، ސަރުކާރުން ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ އަށް ދީފަ އެވެ. އެއިރު ގާސިމް ހުންނެވީ ސަރުކާރަށް ފާޑުވިދާޅުވުން ހުއްޓާލައްވައިގެންނެވެ.

 

ހަމަ އެ ދުވަސްވަރު ގާސިމްގެ މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ވެސް ބަދަލުކުރި އެވެ. މީގެ އިތުރުން ވިލާގެ ސަބްސިޑަރަރީ ކުންފުނިތަކަކަށް ދޫކޮށްފައިވާ ރަށްތަކެއް ވެސް އަތުލައި، ދައުލަތަށް ނުދައްކާ ހުރި ރަށްރަށުގެ ކުއްޔާއި ފީތަކާއި އަދި ޖޫރިމަނާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ދައްކަން އެންގި އެވެ. އެ ފައިސާ ނުދެއްކުމުން ވިލާގެ އެކަައުންޓްތައް ފްރީޒް ކޮށްފައި ވެސް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 ފެބްރުއަރީ 2017 | ބުރާސްފަތި 16:28
އަލީ މުގާބޭ
ދައުލަތަށް ފައިދާވާ ގޮތަށް ތޯ ގާނޫގައި ބުނާ މުއްދަތަށްވުރެ ފަސްކޮށް ވަކި ފެކްޝަނެއް ބޭނުންވާ ތާރީހަށް / އިންތިހާބުވެސް.ފަސްކޮށްލީ..އަނެއްކޮޅުން ކީއްވެބާ ތި ގާޒީ ސްޕްރިމް ކޯޓުން ވަކި ނުކުރީ. އަސްލު ދައުލަތަކީ ރައްޔިތުން، ނަމަވެސް މިހާރު ދައުލަތަކީ ޔާމީން. އެހެންވެގެން މީހުން ކިޔަނީ ތީ ސަދޫމްޖަސްޓިސް އޭ.