ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ހޮނިހިރު ދުވަހު ބާއްވާފައިވާއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ބޮޑު އަޣުލަބިއްޔަތެއް ލިބިއްޖެއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ވަނީ 50 އަށް ވުރެ ގިނަ ގޮނޑި ލިބިފައެވެ. މި އަދަދު 60 އަށް އެރުން ވެސް އެކަށީގެން ވެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 44 މެމްބަރުންނެވެ.
އެމްޑީޕީއަށް ކާމިޔާބު ލިބުނު ދާއިރާތަކަށް ބަލާއިރު މައްޗަންގޮޅި މެދު ދާއިރާއަށް ހޮވިފައި ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއް ވަނީ ކާމިޔާބު ލިބިފައެވެ.
މިހާރުގެ މެންބަރުންނަށް ބަލާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ އަށް އިމްތިޔާޒު ފަހުމީ، މެދުހެންވޭރު ދާއިރާއަށް އަލީ އާޒިމް ވަނީ ގޮނޑި ދިފާއުކުރައްވާފައެވެ. އަދި ހަނިމާދޫ ދާއިރާއަށް އަބްދުލް ޣަފޫރު މޫސާ، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވަނީ ގޮނޑި ދިފާއު ކުރައްވާފައެވެ. އަދިވެސް އިތުރު މެންބަރުން ގޮނޑި ގާއިމުކޮށްފައިވަ އިރު ގަލޮޅު ދެކުނު ފަދަ އާ ދާއިރާތައް ވެސް އެމްޑީޕީ އަށް ވަނީ ލިބިފައެވެ.
މި ފަހަރުގެ އިންތިޚާބުގައި 264442 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 78 ޕަސެންޓް މީހުން ވަނީ ވޯޓު ދީފައެވެ.